ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ބަދަލު ކުރަން ޖޭއެސްސީ ގާނޫނަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ހުށަހަޅައިފިއެވެ.
މެމްބަރު މޫސާ ސިރާޖުގެ އިސްލާހުގައި ބުނެފައިވަނީ ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް "ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުން" އެ ނަމުގައި މާއްދާއެއް އިތުރު ކުރާށެވެ.
މިއިސްލާހު ފާސްވެއްޖެ ނަމަ "ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި އިދާރާއެއް އުފައްދައި މިހާރު ހިންގަމުން އަންނަ ޑީޖޭއޭ އުވި އެ އިދާރާގެ ހުރިހާ މުވައްޒަފުންނާއި މަސައްކަތާއި މާލީ އަދި މަދަނީ ޒިންމާ ތަކާއި ހައްގުތައް އަލަށް އުފައްދާ އިދާރާގެ ދަށަށް ބަދަލުވާނެ އެވެ.
މިހާރު ޑީޖޭއޭ ހިންގަމުން އަންނަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ.