ބިންތަކެއް ދޫކުރުމުގައި ގަވާއިދާ ހިލާފަށް އަމަލުކުރި މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބިންތަކެއް ދޫކުރުމުގައި ގަވާއިދާ ހިލާފަށް އަމަލުކުރި މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ތިނަދޫ ސިޓީގެ ބައެއް ބިންތައް ދޫކުރުމުގައި ގަވާއިދާ ހިލާފަށް އަމަލުކުރިކަމުގެ ތުހުމަތުގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ އިތުރުން ކައުންސިލުގެ ކުރީގެ ތިން މެންބަރެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެ މައްސަލައާ ގުޅިގެން ނެރުނު ބަޔާނުގައި އޭސީސީން ފާހަގަކޮށްފައިވާ ގޮތުގައި، ތިނަދޫ ކައުންސިލުން އަމަލުކުރުމަށް އެކުލަވައިލާފައިވާ "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވަނީ ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް އެ ރަށުން ބިން ދޫކުރެވޭނީ ބީލަމަށް ހުޅުވައިލައިގެންނެވެ. ނަމަވެސް، ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި، ކައްކާ ގޭހުގެ ވިޔަފާރިކުރުމަށް ބިމެއް ހޯދަން އެދުނު ކުންފުންޏަކަށް ބިން ދޫކުރަން ނިންމާފައިވަނީ އިއުލާނުކުރުމަކާ ނުލައެވެ.

އޭސީސީން ތުހުމަތުކުރާ ގޮތުގައި މި ނިންމުމަކީ ވަކި ކުންފުންޏަކަށް ނާޖައިޒު މަންފާއެއް ހޯދައިދިނުމަށް ކައުންސިލުގެ ތިން މެންބަރުން ހިންގެވި އަމަލެކެވެ. މި ނިންމުމަށް އޭރުގެ ކައުންސިލް މެންބަރުން ކަމަށްވާ އާމިނަތު ނަސީމާއާއި، އަހުމީމާ އަހްމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރު ތާއީދުކުރައްވާފައިވާއިރު، އެ ނިންމުމުގެ ދަށުން އެކުލަވައިލި އެއްބަސްވުމުގައި 1 ނޮވެންބަރު 2023 ގައި ސޮއިކުރެއްވީ މޭޔަރު ސައުދު އަލީއެވެ.

މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް 2،000 އަކަފޫޓުގެ ތިން ބިން ގަވާއިދާ ހިލާފަށް ދޫކޮށްފައިވާތީ، 10 ސެޕްޓެންބަރު 2025 ގައި އޭސީސީން ވަނީ މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލައިދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައެވެ.

މިއަދު އޮންލައިން