ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ ކަންބޮޑުވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، އިންޑިއާއަށް ދައްކަން އޮތް 150 މިލިއަން ޑޮލަރުގެ ލޯނު ދައްކައި ހަލާސްކުރުމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސައީދު ވިދާޅުވީ، މި ލޯނު ދެއްކުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ޝައްކު އުފެއްދުމުގެ ވާހަކަތަކެއް ކަމަށެވެ. އަދި ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ ކަންބޮޑުވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ސަރުކާރުން ދައްކައި ހަލާސްކުރި 150 މިލިއަން ޑޮލަރުގެ ލޯނަކީ ކުރީގެ އެމްޑީޕީ ސަރުކާރުން ބަޖެޓް ހަރަދުތަކަށް އިންޑިއާއިން ނަގާފައިވާ ލޯނެކެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ކާޑުގެ ބާވަތްތަކާއި، ތެލާއި ގޭސް އަދި އެއްވެސް އަސާސީ މުދަލެއް ރާއްޖެއަށް ހޯދުމަށް އެއްވެސް ހުރަހެއް އަދި ދަތިކަމެއް ނެތް ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ވަޒީރު ސައީދު އިތުރަށް ވިދާޅުވީ، ޑޮލަރުގެ މައްސަލަތައް ހައްލުވެ، މިހާރު އިގްތިސާދު ހަމައަކަށް އެޅެމުންދާ ކަމަށެވެ. އަދި ހަމައެއާއެކު ޗައިނާގެ ލޯނުތަކާއި ސޮވެރިން ގެރެންޓީ ދީފައިވާ ބައެއް ލޯނުތައް ދެއްކުމުގެ މުއްދަތު ފަސްކޮށްދީފައިވާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.