ބުރާސްފަތި ދުވަހު ކ. މާފުށީ ޖަލުގައި ބުރާސްފަތި ދުވަހު ހިނިގައިދިއަ ހަމަނުޖެހުމުގައި 7 ޤައިދީއަކު ނެރުނު ކަމަށާއި އެއިގެ ތެރެއިން 6 ޤައިދީއަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒްންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
ޖަލުގައި ހިނގައިދިއަ ހަމަނުޖެހުމާއި ގުޅިގެން، އެކަން ހިނގާދިއަގޮތް ދިރާސާ ކުރުމަށް މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މމުނާޒް ވިދާޅުވީ މިހައިތަނަށް ލިބިވަޑައިގެންފައިވާ މައުލޫމާތަށް ބައްލަވާއިރު ހަމަލާދިނީ 16 އިންޗީގެ ދަގަނޑުބުރިއަކުން ކަމަށާއި ދަގަނޑު ބުރިއެއް ވެއްދިގޮތް ބައްލަވަމުން ގެންދަވާ ކަމަށެވެ.
މުނާޒް ވިދާޅުވީ މިހައިތަނަށް ލިބިވަޑައިގެންފައިވާ މައުލޫމާތަށް ބައްލަވާއިރު ދަގަނޑުބުރިން އޮފިސަރަށް ހަމަލާދިނީ ޖަލަށް ވެއްދުން މަނާ އެއްޗެއް ގެންގޮސް ދޭން އެދުމުން އެކަމަށް ދެކޮޅު ހެދުމުން ކަމަށެވެ. "ޤައިދީ ބުނީ މިވެނި އެވެނި އޮފިސަރުން ގެނެސްދެއޭ. އެކަމުގެ ތެރެއިން ހިނގައިދިއަ ދެބަސްވުމުގެ ތެރެއިން ހަމަލާދިނީ ކަމަށް ބުނަނީ. އެންމެ ބޮޑު އަނިޔާއެއް ލިބިފައިވަނީ އޮފިސަރަށް. ކަންފަތް ކައިރިން ކަނޑައިގެންގޮސްފައިވެސް އެބަހުރި."
މުނާޒް ވިދާޅުވީ ޖަލުގައި ޤައވާއިދާއި ޚިލާފަށް ކުރާ ކަންކަމުގެ މައްސަލަތައް ހައްލުކުރެވެންއޮތީ ޤައިދީން ފަދައިން ޕްރިޒްން އޮފިސަރުންވެސް ރިހިބިލިޓޭޓްކޮށްގެން ކަމަށެވެ. "އެކަންކަން ހިނގަމުންދަނީ ލިޔެވިުފައިވާ ޤަވާއިދުތަކާއި އަމަލުކުރާ އުޞޫޅުތައް ނެތިގެނެއް ވެސް ނޫން. ބުރާސްފަތި ދުވަހު ހިނގައި ދިއަ ކަންކަން ހިނގައިދިއައީވެސް އުޞޫލުތަކުން ބޭރުން. މިކަންކަން ހުއްޓުވޭނީ އޮފިސަރުންވެސް ރިހިބިލިޓޭޓްކޮށްގެން."
މުނާޒް ވިދާޅުވީ އިތުރު ޚަރަދުތަކެއް ނުކޮށް ރަނގަޅުކުރެވެން ހުރި ކަންކަން މިހާރުވެސް ވާނީ ރަނގަޅު ކުރެވިފައި ކަމަށާއި ބަޖެޓުގެ ތެރެއިންވެސް ބައެއްކަންކަން މިހާރުވެސް ވަނީ ރަނގަޅުކުރެވިފައި ކަމަށެވެ. އެހެންކަމުން ޖަލުގެ ޙާލަތު ރަނގަޅުކުރަން ދަނީ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ.
މިރޭގެ ބައްދަލުވުން ފަހުން ވަނީ ސިއްރު ބައްދަލުވުމަކަށް ބަދަލުކޮށްފައެވެ.