ދިވެހި ދައުލަތަށާއި ސަރުކާރުގެ އެކި ދާއިރާތަކަށް ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޑރ. މުޙައްމަދު ޢަލީ އުމުރުފުޅުން 67 އަހަރުގައި އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ޑރ. މުޙައްމަދު ޢަލީ ވަނީ ސަރުކާރަށް 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. އެމަނިކުފާނު ސަރުކާރުގެ ޚިދުމަތް އެންމެ ފުރަތަމަ ފެއްޓެވީ 1985 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުގެ ޖިއޮގްރަފީ ޓީޗަރެއްގެ ގޮތުގައެވެ.
ކުރީގެ ސަރުކާރުތަކުގައި އިސް މަގާމުތަކެއް ފުރުއްވި ޑރ. މުޙައްމަދު ޢަލީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްކަމާއި، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގެ އިތުރުން އެކި މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް އަދާކުރައްވާފައެވެ.
ޑރ. މުޙައްމަދު ޢަލީ ފާހަގަކުރެވިފައިވަނީ ސައިންސާއި ތިމާވެށީގެ ދާއިރާއިން ގިނަ ދިރާސާތަކެއް ކުރެއްވުމުގެ އިތުރުން، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އިލްމީ ބޭފުޅެއްގެ ގޮތުގައެވެ.