ފުންކޮށް ވިސްނައި އަވަސްފިޔަވަޅުއަޅައި ސަލާމަތްކަން ހޯދާ! ޤިޔާމަތް ދުވަހު އެންމެ ބޮޑަށް މާޔޫސްވާން ޖެހޭނެ މީހުން މުޖުތަމައުގަ ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ފުންކޮށް ވިސްނައި އަވަސްފިޔަވަޅުއަޅައި ސަލާމަތްކަން ހޯދާ! ޤިޔާމަތް ދުވަހު އެންމެ ބޮޑަށް މާޔޫސްވާން ޖެހޭނެ މީހުން މުޖުތަމައުގަ ވަރަށް ގިނަ!

ޤިޔާމަތް ދުވަހު ކޮންމެ މީހަކުވެސް އުޅޭނީ އެމީހަކަށް ކުރެވިފައިވާ ހެޔޮ އަމަލުތަކުން އެންމެ އަމަލެއްވެސް މަދުވެދާނެތީ އެއިގައި ބަގުޑިބައްދައިގަނެގެންނެވެ. އެހެން އުޅެއުޅެ ހުއްޓައި ތިބާއަށް މިފެންނަނީ މަލާއިކަތުން ވަޑައިގެން ތިބާ ކުޅަ ހެޔޮ ހެޔޮ އަމަލުތަކުން ނަންގަވައި މަދުކުރައްވަމުން ގެންދަވާތަނެވެ. މަދުވަމުންގޮސް ހުސްވާތަނެވެ. ހުސްވެ ނަރަކައަށްވެސް ވަންނަން ޖެހޭ ތަނެވެ. ނިކަން ބުނެބަލާށެވެ. އެހާލަތުގައި ތިބާގެ ހިތް ފަޅަފަޅައިގެން އިރައިރައިގެން ނުދާނެ ހެއްޔެވެ؟ ގައިގެ ހަންތަކާއި މަސްތައް އިރި ހުސްވެގެންދާއިރުވެސް ތެޅިނުފޮޅު މަޑުން ހުރެވޭނެ ހެއްޔެވެ؟ އެހާލަތަށް ބިރުވާ ނަމަ މިދައްކާ ވާހަކަތައް ރަނގަޅަށް އަޑުއަހާށެވެ! 

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ލޯބިވާނީ އެމީހެއްގެ އަނބިދަރިން ދެކެއެވެ. މައިން ބަފައިން ދެކެއެވެ. ޤިޔާމަތް ދުވަހަކީ އެއިން މީހަކށް ނަމަވެސް ކުރެވިފައިވާ ހެޔޮ އަމަލުތައް މަދުވެއްޖެނަމަ ނަރަކައަށް ވަންނަން ޖެހިދާނެ ދުވަހެކެވެ. އެދުވަހަކީ އެއިން މީހެއްގެ ނަމަވެސް  އެންމެ ހެޔޮ އަމަލެއް މަދުވެގެން ނަމަވެސް ސުވަރުގެ ނުވަދެވުނު ނަމަވެސް ތިބާގެ އެންމެ ހެޔޮ އަމަލެއްވެސް ދޭނެ ދުވަހެއްވެސް ނޫނެވެ. ކޮންމެ މީހަކުވެސް އުޅޭނީ އެންމެ ހެޔޮ އަމަލެއް ނަމަވެސް އިތުރުކުރެވޭތޯއެވެ. 

މީސްތަކުންނޭވެ! ތިއަބައިމީހުން ޤިޔާމަތް ދުވަހު މަޙްޝަރަށް ދިއައީ ދުނިޔޭގައި ވަރަށް ގިނަ އަޅުކަންތައް ކުރުމަށްފަހުގައެވެ. އެއަޅުކަންތައް ހިފައިގެން ގޮސް މީޒާނުގައި ބެހެއްޓުމުން ތިބާގެ ކޮޅަށް މީޒާން އެދަނީ އެތައް ގުނައަކަށް ބުރަވެގެންނެވެ. ނަމަވެސް އެވަގުތު ދެން މެދުވެރިވެދާނެ ޙާލަތަކީ އެންމެ ބިރުވެރި އެންމެ ނުރައްކައުތެރި ޙާލަތުކަމަށްވެދާނެ ކަމަށް ކޮންމެ މީހަކުވެސް ބިރުވެތިވާން ވާނެއެވެ. 

ތިބާ ދެކޮޅު ހަދަމުން ދަނިކޮށް މަލާއިކަތް ބޭކަލުން ވަޑައިގެން ތިބާ ކުޅަ ނަމާދުތަކުގެ ތެރެއިން 3000 ނަމާދު މީޒާނުން ނަންގަވައިފާނެތެވެ. އެތައް އަހަރަކު ހިފި ރޯދަތައް ނަންނަންގަވައިފާނެތެވެ. އަދި އެހެން މީހަކަށް ދެއްވަވައިފާނެތެވެ. އަދި އެވަރުންވެސް ފުދެނީއެއް ނޫނެވެ. މަލާއިކަތުން ނަންގަވަމުން ގޮސް ތިބާގެ ތިލަފަތުން ހެޔޮ އަމަލުތައް ހުސްވެއްޖެނަމަ ދުނިޔޭގައި ހުރެ ތިބާ ނުކުރާ އެތައް ބައިވަރު ބޮޑެތި ފާފަތަކާއި ކުދިފާފަތައް ތިބާގެ މީޒާނުގެ ކޮޅަށް އަރިވަވައިފާނެތެވެ. 

ތިބާއަކީ ޒިނޭކުރި މީހެއް ނޫނެވެ. ވައްކަންކުރި މީހެއް ނޫނެވެ. ރިބާ ކައި އުޅުނު މީހެއް ނޫނެވެ. ނަމަވެސް އެހެން ބައަކު ކޮށްފައިވާ މިފަދަ ބޮޑެތި އެތައް ފާފަތަކެއް ތިބާގެ ފަތުގައި ލިޔުއްވި އެކަމުގެ ޒިންމާ އުފުލަން ޖެހިދާނެއެވެ. އެކަމުގެ ސަބަބުން ތިބާ ދުވަހަކުވެސް ނުކުރާ ބޮޑެތި ފާފަތަކެއް ތިބާގެ ބޮލުގައި އެޅި އެކަމުގެ ބުރަ އުފުލަން ޖެހި ނަރަކައަށް ވަންނަން ޖެހިދާނެއެވެ. ތިބާ އަކީ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެ ޣީބަ ބުނެ، މީހުން ނުކުރާ ކަންކަން މީހުންގެ ބޮލުގައި އަޅުވައި މީސްތަކުން ބަދުނާމްކޮށް، ފަޟީޙަތްކޮށް އުޅުނު މީހަކު ކަމުގައިވާނަމައެވެ. މުސާރަ ދޭން އެއްބަސްވެފައި އޮންނަ ގޮތަށް މުސާރަ ނުދިނުމަކީވެސް ހަމަ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމެވެ. 

އެއްވެސް ގޮތަކުން މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެކަމަށް މާފަށް އެދި ބަދަލުދީ މިދުނިޔޭގައި އެ މައްސަލައެއް ޙައްލުކުރަން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި ވަނީ އެސަބަބަށްޓަކައެވެ. 

ޤިޔާމަތް ދުވަހު އެއްވެސް މީހަކު އެއްވެސް މީހަކަށް މާފެއް ނުކުރާނެއެވެ. ބޭނުންވާނީ ލިބެން އޮތް ކޮންމެ ހެޔޮކަމެއް ލިބިގަތުމަށެވެ. އެދުވަހަކީ އެއްވެސް މީހަކަށް ބަދަލުދޭނެ ދިރުހަމެއް އަތުގައި ހުންނާނެ ދުވަހެއް ނޫނެވެ. ބަދަލުދޭން ޖެހޭނީ ހަމައެކަނި ތިމާ ކުރި ހެޔޮ އަމަލުތަކުންނެވެ. ދުނިޔޭގައި މާފަށް އެދި ބަދަލުދީ މައްސަލަތައް ޙައްލުކޮށް ހިތް ހަލާލް ހޯދަން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެ ސަބަބަށްޓަކައެވެ.  

- އުސްތާޛް ޢަލީ ހައްމުދާގެ ދަރުސަކުން

 

 

މިއަދު އޮންލައިން