ފަތުރުވެރި ކަމުގެ ބޭނުންތަކަށް އިތުރު ރަށްތަކެއް ދޫކުރުމަށް ރާއްޖޭގެ ހަ ސަރަޙައްދަކުން ރަށްތަކެއް ހޮވާލާ، ލިސްޓެއް ތައްޔާރުކުރުމަށްފަހު ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިތުރު 35،000 އެނދު ތަރައްޤީކުރުމަކީ މި ސަރުކާރުގެ ވަޢުދެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ލިސްޓު އެކުލަވާލުމުގައި ކަމާއި ގުޅުންހުރި ފަރާތްތަކުގެ ޙިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށާއި މި ލިސްޓުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ރިސޯޓް ތަރައްޤީކުރާނެ ރަށްތައް ކަނޑައަޅުއްވާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކަމަށެވެ.
"ހުރިހާ މިނިސްޓްރީއަކާއި އެކު އިށީދެގެން އެއްބަސްވެވުނު ލިސްޓެއް މިހާރު މިވަނީ ރައީސް އޮފީހަށް ފޮނުވާފައި، ރައީސުލްޖުމްހުރިއްޔާ ކަނޑައަޅުއްވާނީ ރިސޯޓުގެ ގޮތުގައި ތަރައްޤީކުރާނެ ރަށްތަށް، އެއަށްފަހު ރަށްތަށް ދޫކުރާނީ އޯޕަން ބިޑް އުސޫލުން،" ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، ފަތުރުވެރިކަމަށް ރަށްތަށް ދޫކުރުމުގައި ބޮޑަށް އިސްކަންދޭނީ މިހާރު ޓޫރިޒަމް މާބޮޑަށް ތަރައްޤީވެފައިނުވާ އަތޮޅުތަކަށް ޓޫރިޒަމް ފުޅާ ކުރުމަށް ކަމަށެވެ. އަދި ޓޫރިޒަމަށް ރަށްތަށް ދޫކުރުމުގައި ރައްޔިތުން ގެ ޙިޔާލުވެސް މުޙިއްމުކަމަށާއި އަދި ތިމާވެއްޓަށް އޭގެ ސަބަބުން އަންނާނެ ގެއްލުމަކަށްވެސް ވިސްނާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ރިސޯޓެއް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ގއ.އޮޑެގައްލާއަކީ ތިމާވެށީގެ ގޮތުން ރިސޯޓެއް ތަރައްޤީކުރަން އެންމެ އެކަށޭނަ ރަށެއް ކަމަށް ޤަބޫލް ނުކުރެވޭތީ، އެރަށުގެ ބަދަލުގައި އެހެން ރަށެއް ހަމަޖެއްސޭތޯ ބަލަމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.