ތަރައްޤީގެ ކަންކަމުގައި ބޭރުގެ ޤައުމުތަކާ ގުޅުން އުފައްދާއިރުވެސް، ރާއްޖޭގެ ޤަދަރާއި ޝަރަފު ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި އަދި ރާއްޖެއަކީ މިނިވަން ޤައުމެއްކަމާއި ރާއްޖޭގެ ކަންތައްތައް ބައްޓަންކުރަންވާނީ، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް، ދިވެހި ރައްޔިތުން އެދޭ އަދި ރައްޔިތުންނަށް ފައިދާހުރި ގޮތްތަކަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވއްޖެއެވެ.
ދިވެހި ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމަށް މިއަދު ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖެއަކީވެސް ބައިނަލްއަޤުވާމީ މުޖްތަމަޢުގެ ޙިއްޞާދާރެއްކަމަށްވާއިރު ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ހިނގާ އޮއިވަރުތައް ރާއްޖެއާ ހަމައަށްވެސް އަންނާނެކަމަށެވެ. އެހެންކަމުން ބައިނަލްއަޤުވާމީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ރާއްޖެއަށް އަމާންކަމާއެކު ދަތުރުކުރެވޭނީ، އެންމެން އެކުގައި ވިސްނުންތެރިކަމާއެކު އެއް އަމާޒަކަށް މަސައްކަތްކޮށްގެން ކަމަށެވެ.
ރާއްޖެއިން ބޭރު ޤައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ބައިވެރިވެ ވަޑައިގަންނަވާ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ސަފީރުންގެ ކަންކަން ހަރުދަނާކުރުމާއި، ސަފީރުންގެ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާމެދު މަޝްވަރާކުރައްވައި އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމާއެކު ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅުން ބަދަހިކުރެއްވުން ހިމެނެއެވެ.