ރާއްޖޭގެ ޖޫޑިޝަރީ އިޞްލާޙްކުރަން ޖެހޭ ކަމަށާއި ޖޫޑިޝަރީ އިޞްލާޙްކުރެވޭނީ ފަސާދަ ކުރުމުގެ ވާހަކަތައް ދެއްކުން ހުއްޓާލައި އެކަން ކުރަން މަގުފަހިކުރެވޭނެ ގޮތަށް ޤާނޫނުތައް ހަރުދަނާކުށްގެން ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައުދު މިއަދު ވިދާޅުވީ މަޖިލީހުން ފާސްކުރާ އެއްވެސް ޤަރާރަކީ ޤާނޫނެއް ނޫން ކަމަށާއި ޢަމަލުކުރަން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ޤާނޫނުތައް އިޞްލާޙްކޮށް ފާސްކުރުމުން އަމަލުކުރަން ޖެހޭނެ ކަމަށާއި ކަންކަން އިޞްލާހް ކުރެވޭނީ އެކަމަށް ގެންނަން ޖެހޭ ބަދަލުތައް ޤާނޫނުތަކުން ގެނެސްގެން ކަމަށެވެ.
ސައުދު ވިދާޅުވީ ކަންކަން އިޞްލާޙްކުރަން ޤާނޫނުތައް ފާސްކުރުމާއި އިތުރު ޤާނޫނުތައް ހަދައި ޤާނޫނުތައް ފާސްކުރަން ޖެހޭ ކަންކަމުގައި ޤާނޫނުތައް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށާއި ބޭކާރު ވާހަކަތައް ދައްކައި ފަސާދަ ކުރަން މަގުފަހިކުރުމުގެ ބަދަލުގައި މަޖިލީހުން ކުރަން އޮތް ކަމަކީ ޤާނޫނުތައް ފާސްކުރުން ކަމަށެވެ.
ސައުދު ވިދާޅުވީ ޤާނޫނުތައް ހަދައި މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤްކުރެއްވުމުން އެ ޤާނޫނުތަކަށް އަމަލުކުރަން ކޮންމެ ފަރާތަކަށް ވެސް މަޖުބޫރުވާނެ ކަމަށެވެ. އެހިސާބުން ހުރިހާ މައްސލަތަކެއް ވެސް ހައްލުވެގެންދާނެ އިރު ބޭކާރު ވާހަކަތައް ދައްކަން ވަގުތު ނަގާނުލައި އަވަސްވެގަންނަވީ ޖޫޑިޝަރީގައި އިޞްލާޙްކުރަން ހުރި ކަންކަން އިޞްލާޙްކުރަން ފާސްކުރަން ޖެހޭ ޤާނޫޏުތައް ފާސްކުރުމަށް ކަމަށެވެ.