ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލުކުރި3 ފަނޑިޔާރުންގެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 1މ 33ސ
ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލުކުރި3 ފަނޑިޔާރުންގެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅައިފި

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ފަސް ފަނޑިޔާރަކު ސޮއި ކުރައްވާ ނެރުނު އަމުރު، ބާތިލު ކުރެއްވި 3 ފަނޑިޔާރެއްގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

 

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައަޅާފައިވާކަމަށް ވިދާޅުވަމުން، ޖޭއެސްސީގެ ޑިރެކްޓަރ ޙަސަން ޒަހީން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ އެ ކޮމިޝަނަށް ހުށައަޅާފައިވާކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަކަމަށެވެ. ނަމަވެސް އެއީ ކޮން ފަނޑިޔާރުންނެއްކަމެއް އަދި ކޮން މައްސަލައެއްކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

 

ނަމަވެސް އެނގިފައިވާ ގޮތުގައި ޖޭއެސްސީއަށް ހުށައަޅާފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ސޮއިކުރުމަށްފަހު، ފަހުން އެ އަމުރު ބާޠިލްކަމަށް ކަނޑައަޅާ ސޮއިކުރި ތިން ފަނޑިޔާރުންގެ ސްލޫކީ މައްސަލައެކެވެ. އެ ތިން ފަނޑިޔާރުންނަކީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.

 

މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ފަސް ފަނޑިޔާރުންގެ ސޮޔާއެކު ޢަމުރު ނެރުނު މައްސަލާގައި އޭރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ޙަމީދު ހައްޔަރުކުރިއެވެ. އޭގެފަހުން، އެ ޢަމުރުގައި ސޮއިކުރެއްވި އަނެއް ތިން ފަނޑިޔާރުން ވަނީ އެ ޢަމުރު ބާޠިލުކުރައްވާފައެވެ.

 

ސުޕްރީމްކޯޓްގެ 3 ފަނޑިޔާރެއްގެ މައްސަލަ ހުށައަޅާފައިވާކަމަށް ޖޭއެސްސީން ހާމަކުރިއިރު އެ ކޮމިޝަނުން އަންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ދެ މައްސަލައެއް ވެސް ބަލަމުންނެވެ. އެ މައްސަލަތަކުގައި ރޭ ވަނީ އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުވެސްކޮށްފައެވެ.

މިއަދު އޮންލައިން