ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސަސް ކޮމިޝަނުން (ޖޭއެސްސީ) އިން ކުރާ ތަޙުޤީޤު ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީ އިން މިގޮތަށް ނިންމީ މައްސަލަ ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެދިވަޑައިގެންފައިވާތީއެވެ. އަދި ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުުގީގު އާންމުކޮށް ހުޅުވާލައިގެން ވީހާވެސް ޖާގަ ބޮޑު ތަނެއްގައި ކުރިއަށް ގެންދިއުމަށް ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
ފަނޑިޔާރު ޢަބުދުﷲ ދީދީގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ، ޤާނޫނީ ވަކީލު، އަލްއުސްތާޛު އާދަމް އާސިފާއި، ކުރިން ޖޭއެސްސީގެ މެމްބަރުކަން ކުރައްވާފައިވާ، ޤާނޫނީ ވަކީލު އަލްއުސްތާޛު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އާއި އަލްއުސްތާޛު އާދަމް ޝަމީމެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީ އިން ސަސްޕެންޑްކުރި މައްސަލާގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނުއަސާސީއާ ހިލާފު އަމުރެއް ކަމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.