ރާއްޖޭގެ ރަށްރަށުގައި ހުރި 9 ޞިއްޙީ މަރުކަޒު ނުވަތަ ހެލްތް ސެންޓަރު ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތްތައް ފަށައިގެން އެބަ ކުރިއަށް ގެންދެވޭ ކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އަމީން ވިދާޅުވީ މިއީ ރާއްޖޭގެ 5 ސަރަހައްދެއްގައި ޤާއިމުކުރެވޭ ޓަރޘަރީ ފެންވަރުގެ ހޮސްޕިޓަލްތަކުގެ އިތުރުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި އައު ހޮސްޕިޓަލްތަކަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މުވައްޒިފުން ހަމަކުރުމުގެ މަސައްކަތްތައް މިހާރުވެސް އަންނަނީ ކުރެވެމުން ކަމަށެވެ.
އެންމެ ބޮޑު އެއް އަމާޒަކީ ޑޮކްޓަރުންނާއި ނަރުހުންނާއި މުވައްޒިފުންގެ ފެންވަރު މަތިކުރަން މަސައްކަތްކުރުން ކަމަށާއި މި ހޮސްޕިޓަލްތައް ހުޅުވި ހިނގައިގަތުމުން ކޮންމެ ކަމަކަށް މާލެ އަންނަޖެހުމުގެ މައްސލައަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.