ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލަ ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމާއިމެދު ޖޭއެސްސީ އިން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވެއްޖެއެވެ.
ޙަސަން ޒަހީން މިކަން ހާމަކުރެއްވީ ޢަބްދުﷲ ދީދީ ޖޭއެސްސީއަށް މިރާ ހާޒިރުކުރުމުން އޭނާގެ ތަޙްޤީޤް ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެދިވަޑައިގަތުމާއި ގުޅިގެންނެވެ.
ޒަހީން ވިދާޅުވީ އެގޮތަށް އެކަން ކުރެވޭނީ ޖޭއެސްސީގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނުން ނިންމައިގެން ކަމަށާއި ކޮމިޝަނުގެ މެމްބަރުންގެ ރޫހަކީ ވެސް ފަނޑިޔާރު ޢަބްދުﷲ ދީދީ އެދިވަޑައިގެންނެވި ގޮތަށް އެމަނިފާނުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުން ކަމަށެވެ.
ޖޭއެސްސީއަށް ހުށަހެޅޭ މައްސަލަތައް ވަގުތުން ތަހުގީގު ކޮމިޓީއާއި ހަވާލު ކުރެވޭ ގޮތަށް އެކޮމިޝަނުގެ ހިންގާ ގަވާއިދަށް މިރޭ ވަނީ އިޞްލާޙްވެސް ގެނެސްފައެވެ.
މި ބަދަލު ގެނެސްފައިވަނީ މިރޭ ބޭއްވި އެކޮމިޝަނުގެ 35 ބައްދަލުވުމުގައި ގަވައިދުގެ 41 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ފާސްކޮށްގެންނެވެ.
މިއިސްލާހް ފާސްކުރުމުން ކޮމިޝަންގެ ވަކީލުން ފުރަތަމަ މަރުހަލާގައި މައްސަލަ އާއިބެހޭ ރިޕޯޓް އެކުލަވާލަން ނުޖެހި، ކޮމިޝަނުން ބަލަން ޖެހޭ މައްސަލައެއް ނަމަ ވަގުތުން ތަހުގީގު ކޮމިޓީއަށް ފޮނުވިދާނެ ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އަބްދުﷲ ދިދީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑް ކުރުމަށް ނިންމުމާއި ގުޅިގެން އޭނާ ސްޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓަށް ދެންނެވުމަށް ވެސް ޖޭއެސްސީގެ މިރޭގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.