ދިވެހިރާއްޖޭގެ ޢަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވަޢުދުކަމުގައި ވާއިރު، އެ ވަޢުދު ފުއްދުމަށްޓަކައި ކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެކަން ހާމަކުރައްވައި ކުރެއްވި ޓްވީޓާއިއެކު އެމަނިކުފާނު ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެވެ.
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ނޫސްބަޔާން
17 ޖޫން 2019، ރިފަރެންސް: 2019
ޤާނޫނުއަސާސީ އާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އަޅައި، ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އާއި، (ނ) އިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއާ އާ މަތިކޮށްފައިވާ ޛިންމާއެކެވެ.
ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ކަށަވަރުކޮށްދޭ މި ދައުލަތުގެ އެންމެ އަސާސީ ސިފައެވެ. އެބާރުތައް ރައްޔިތުންގެ ފަރާތުން ހިންގުން މަތިކުރެވިފައިވަނީ ޤާނޫނުއަސާސީއިން އެކަށައަޅާފައިވާ ތިން ބާރުގެ މައްޗަށެވެ. މީގެ އިތުރުން ޤާނޫނުއަސާސީ އިން އުފައްދާފައިވާ މުއައްސަސާތަކަކީ ވެސް އެ މުއައްސަސާތަކުގެ މުސްތަޤިއްލުކަން ޤާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ތަންތަނެވެ. އެ ބާރުތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް ޤާނޫނުއަސާސީގައި ތަރުތީބުކޮށްފައިވަނީ އެއް ބާރުން އަނެއް ބާރަށް އަދި މުސްތަޤިއްލު މުއައްސަސާތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭނޭ ގޮތުގެ މަތީންނެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަނަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ޤާނޫނުއަސާއީއިން އެކަށައަޅާފައިވާ މުއައްސަސާކަމަށްވާއިރު އެ މުއައްސަސާގެ ނިންމުންތަކާ ގުޅިގެން އެ މުއައްސަސާ ޖާވާބުދާރީ ކުރުވޭނޭގޮތްވެސް ޤާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައެވެ. އެއީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި، އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެޅުމެވެ. އެއީ ޤާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، ޤާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމަކީ، ދައުލަތުގެ އެއްވެސް ބާރަކަށް ޤާނޫނުއަސާސީ ހުއްދަ ކުރާކަމެއްނޫނެވެ.
އެހެންކަމުން، ދިވެހި ދައުލަތުގެ އެންމެހައި ބާރުތަކާއި، ހުރިހައި މުއައްސަސާތަކުން ޤާނޫނުއަސާސީއަށާއި، ޤާނޫނުގެ ހަމަތަކަށް އިޙްތިރާމްކުރުމާއެކު، ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރާފާނޭފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ދައުލަތުގެ ހުރިހައި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައެވެ.
ދިވެހިރާއްޖޭގެ ޢަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ، މި ސަރުކާރުގެ އެންމެ އަސާސީ ވަޢުދުކަމުގައި ވާއިރު، އެ ވަޢުދު ފުއްދުމަށްޓަކައި ކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން މި ފުރުސަތުގައި ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރުވައެވެ.
އަދި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއްނެތި ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރުވައެވެ.
ދިވެހިރާއްޖޭގެ ޢަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވަޢުދުކަމުގައި ވާއިރު، އެ ވަޢުދު ފުއްދުމަށްޓަކައި ކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. https://t.co/lsElWqc83b
— Ibrahim Mohamed Solih (@ibusolih) June 17, 2019