ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރާފާނޭފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ދައުލަތުގެ ހުރިހައި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައެވެ.
ތިރީގައި އެވަނީ އެމަނިކުފާނުގެ ނޫސްބަޔާނެވެ.
"ޤާނޫނުއަސާސީ އާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އަޅައި، ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އާއި، (ނ) އިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއާ އާ މަތިކޮށްފައިވާ ޒިންމާއެކެވެ.
ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ކަށަވަރުކޮށްދޭ މި ދައުލަތުގެ އެންމެ އަސާސީ ސިފައެވެ. އެބާރުތައް ރައްޔިތުންގެ ފަރާތުން ހިންގުން މަތިކުރެވިފައިވަނީ ޤާނޫނުއަސާސީ އިން އެކަށައަޅާފައިވާ ތިން ބާރުގެ މައްޗަށެވެ. މީގެ އިތުރުން ޤާނޫނުއަސާސީ އިން އުފައްދާފައިވާ މުއައްސަސާތަކަކީ ވެސް އެ މުޢައްސަސާތަކުގެ މުސްތަޤިއްލުކަން ޤާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ތަންތަނެވެ. އެ ބާރުތަކާއި މުޢައްސަސާތަކުގެ މަސައްކަތްތައް ޤާނޫނުއަސާސީގައި ތަރުތީބުކޮށްފައިވަނީ އެއް ބާރުން އަނެއް ބާރަށް އަދި މުސްތަޤިއްލު މުޢައްސަސާތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭނޭ ގޮތުގެ މަތީންނެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަނަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ޤާނޫނުއަސާއީއިން އެކަށައަޅާފައިވާ މުޢައްސަސާކަމަށްވާއިރު އެ މުޢައްސަސާގެ ނިންމުންތަކާ ގުޅިގެން އެ މުޢައްސަސާ ޖާވާބުދާރީ ކުރުވޭނޭގޮތްވެސް ޤާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައެވެ. އެއީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި، އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެޅުމެވެ. އެއީ ޤާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، ޤާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ޤާނޫނުއަސާސީ ހުއްދަ ކުރާކަމެއްނޫނެވެ.
އެހެންކަމުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކާއި، ހުރިހައި މުޢައްސަސާތަކުން ޤާނޫނުއަސާސީއަށާއި، ޤާނޫނުގެ ހަމަތަކަށް އިޙްތިރާމްކުރުމާއެކު، ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރާފާނޭފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ދައުލަތުގެ ހުރިހައި މުޢައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައެވެ.
ދިވެހިރައްޖޭގެ ޢަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވަޢުދުކަމުގައި ވާއިރު، އެ ވަޢުދު ފުއްދުމަށްޓަކައި ކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން މި ފުރުސަތުގައި ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރުއްވައެވެ.
އަދި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިޘިއްޔަތުން ކުރަައްވަން ޖެހިވަޑައިގަންނަވާ އެންމެހައި ކަންކަން ފަސްޖެހުމެއްނެތި ކުރައްވާނޭ ކަމުގެ ޔަޤީންކަން ވެސް ދިވެހި އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރުއްވައެވެ."