ސްޓޫޑެންޓް ލޯނުގެ އެޑްމިނިސްޓްރޭޓިވް ޗާރޖް %5 އިން %3 އަށް ކުޑަކޮށް، ދިގު މުއްދަތެއްގެ ތެރޭގައި ދެއްކޭނެ އިންތިޒާމު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ، މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިވެގެން 1 ޖަނަވަރީ 2019ގެ ކުރިން ނަގާފައިވާ ލޯނުތަކުގެ އެޑްމިނިސްޓްރޭޓިވް ޗާރޖް 5 އިންސައްތައިން 3 އިންސައްތައަށް ކުޑަކުރުމާއި، ދިގު މުއްދަތެއްގެ ތެރޭގައި ފައިސާ އަނބުރާ ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މިކަމާއި ގުޅުންހުރި އިދާރީ މަސައްކަތްތައް ނިމިފައިވާތީ މިހާރު މި ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާކަމަށް ވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ސްޓޫޑެންޓް ލޯނުގެ ކަންތައް މިގޮތައް ހަމަޖައްސައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވައުދެކެވެ.