ސެލިބްރިޓީންނަކީ މާމަތި ބައެއް ކަމަށް ދެކޭ ބައަކު އެބަ އުޅެއެވެ. އެމީހުންނަކީ މާމަތީ ދަރަޖަ ލިބިފައިވާ ބައެއް ކަމަށް ބަލައި ގަތުމަކީ ވަރަށް ބިރުހުރި ނުރައްކައުތެރި ކަމެކެވެ. ސެލިބްރިޓީންނަށް ތާއީދުކުރަމުން ގޮސް އެމީހުންނަކީ މާމަތީ ދަރަޖައެއްގެ އިންސާނުން ކަމަށް ޤަބޫލުކުރާ ހިސާބަށް ދިއުމުން އެއޮތީ މުޅިން ގޯސްވެފައެވެ.
އެބައަކީ ރޯލްމޮޑެލުން ކަމަށް ނުވަތަ ނަމޫނާ ޝަޚްޞިއްޔަތު ކަމަށް މުސްލިމުން ބަލައިގަންނަން ޖެހޭނީ އެމީހަކު އިސްލާމް ދީނުގައި ކުރިއަރައިދިއުމުންނެވެ. އިސްލާމް ދީނަށް ޚިދުމަތް ކުރުމުގައި ކުރިއަރައި ދިއުމުންނެވެ. އެމީހެއްގެ ސަބަބުން އިސްލާމް ދީނަށް ނަޞްރު ލިބެމުން އަންނަ ނަމައެވެ.
އަބަދުވެސް ބުނާ ފަދައިން އެމީހަކީ ދުނިޔެއަށް ކިތަންމެ މަޝްހޫރު މީހަކަށްވެސް ވެދާނެއެވެ. ނަމަވެސް އެމީހާއަކީ އުޑުތަކުގެ މަލާއިކަތުން "ދެނެވަޑައިނުގަންނަވާ" މީހަކު ކަމުގައި ވާނަމަ އެމީހާގެ އެއްވެސް މަތިވެރިކަމެއް ނެތެވެ. ދުނިޔޭގެ ކިތަންމެ ގިނަ ބައަކު އެމީހަކަށް ސަނާ ކީ ނަމަވެސް މަލާއިކަތުންގެ ހެޔޮ ދުޢާ އެމީހަކަށް ނުލިބޭނަމަ އެމީހަކީ އެއްވެސް މީހަކަށް ނުވާނެއެވެ. މާނައަކީ އެމީހަކީ އެއްވެސް އަގެއް ހުރި މީހެއް ނޫނެވެ.
ބައެއް ސެލިބްރިޓީންނަށް ތާއީދުކުރަމުން ގޮސް އެމީހުންނަކީ ކަލާނގެތަކަކަށް އެބަ ހަދައެވެ. އެމީހުންނަށް އެބަ އަޅުކަން ކުރެއެވެ. އެމީޙުންވެސް ތިބެނީ އެކަމަށް މަރުޙަބާ ލިޔައިގެންނެވެ. އެ ހިސާބުން ކަންކަން އެވަނީ ގޯހުން ގޯހަށް ގޮސްފައެވެ. އެފަދަ ބޮޑު ގޯހެއް ހެދުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެވިއްޖެ ނަމަ އެމީހަކު ދެ ދުނިޔެއިން ގެއްލިގެން ދިއައީއެވެ. ވީމާ މިކަންކަމަށް ވިސްނައި ހޭލުންތެރިވުމަށް ނަޞޭޙަތްތެރިވަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން