މިދިޔަ އަހަރު ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުނު ނެރުނު އަމުރު، ހަމަ ސުޕްރީމް ކޯޓުން އެއަމުރު ފަހުން ބާތިލު ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ އެ ކޯޓުގެ 3 ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
މިއަދު ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ވަނީ 1 ފެބްރުއަރީގެ އަމުރުގެ ބައިތައް ފަހުން ބާތިލު ކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށެވެ.
މިމައްސަލަ ޖޭއެސްސީ އަށް ހުށަހެޅި ފަރާތެއްވެސް އަދި ސާފުނުވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީ އަށް މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުން ފަހުން ނެރުނު އަމުރުގައި ސޮއި ކުރެއްވި މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ދެކޮޅަށެވެ.
މިކަމާ ގުޅިގެން ޖޭއެސްސީގެ ބަހެއް އަދި ލިބޭ ގޮތެއް ވަނީ ނުވެފައެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އަމުރު ނެރެފައި ވަނިިކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ފަހުން ދެން ތިއްބެވި ތިން ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި އަމުރަކުން ވަނީ ކުރީގެ އަމުރުގެ ބައެއް ބައިތައް ބާތިލްކޮށްފަ އެވެ.