ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ޖޭއެސްސީ އިން ބުނެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ޖޭއެސްސީ އިން ބުނެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އެންގިނަމަވެސް އެ ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ޖޭއެސްސީން މިރޭ ބުނެފިއެވެ.

ޖޭއެސްސީން މިރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމާފައިވަނީ ސްޕްރީމް ކޯޓުގެ އެ އަމުރަކީ ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) އާއި ޖޭއެސްސީގެ 21 ވަނަ މާއްދާގެ (ށ) އިން ލިބިދީފައިވާ ބާރަށް ހުރަސް އެޅޭ ގޮތަށް، ޖޭއެސްސީގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސް އަޅާ އަމުރެއް ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން އިއްޔެ ނިންމާފައިވާ ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮޔް ނިންމުމެއް ކަމަށެވެ.

ޖޭއެސްސީން މިނިންމުން ނިންމާފައިވަނީ މިރޭގެ ޖަލްސާގައި ބައިވެރިވި އަށް މެމްބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި ވޯޓުގައި ބައިވެރިވި ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ވޯޓުންނެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން އިއްޔެ ނިންމާފައި ވަނިކޮށް، އެ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށާއި އިތުރު ފިޔަވަޅެއް ފަނޑިޔާރު އަބްދުﷲ ދިދީ އާއި މެދު ނާޅަން ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

މިއަދު އޮންލައިން