ރާއްޖޭގައި ތިމާވެށީގެ ވަޒީރުކަން ކުރައްވާފައިވާ ކޮންމެ ވަޒީރަކީ ތިމާވެށީގެ ސަފީރަކަށްވެވަޑައިގެން ތިމާވެށީގެ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުވަން މަސައްކަތްކޮށްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.
މިއަދު ހަވީރު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށް ގެންދިއަ "ތާރީޚުގެ ތެރެއިން ތިމާވެށީގެ ވަޒީރުންގެ ޖަލްސާ"ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެމަސައްކަތްތަކުގައި ވީހައި ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމަށް ބޭނުންވާ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމުގެ މަޤްޞަދުގައި ދައުލަތުން ނަގަން ފެށި "ގްރީން ޓެކްސް" އިން މިހައިތަނަށް ޓެކްސްގެ މަޤްޞަދު ޙާޞިލުކުރެވިފައި ނުވާ ކަމަށާއި ނަމަވެސް މިދިއަ އަހަރު އެމަނިކުފާނު ރާއްޖޭގެ ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު މިހާރު ވާނީ އެފަންޑަކީ ތިމާވެށި ހިމާޔަތްކުރުމުގެ ކަންކަމަށް ހޭދަކުރާ ފަންޑަކަށް ބަދަލުކުރައްވާފައި ކަމަށެވެ.
މިއަދުގެ ޖަލްސާގައި ރާއްޖޭގައި ތިމާވެށީގެ ވަޒީރުކަން ކުރައްވާފައިވާ ވަރތަށް ގިނަ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެން އެބޭފުޅުންގެ ޚިޔާލު ފައުޅުކުރައްވައިފައެވެ.