ފެއާތަކާއި ނައިޓް މާކެޓް ތަކުގައި ބައިވެރިވެވޭނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކާއި ކުލަބު ޖަމިއްޔާ ޖަމާއަތްތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އާންމު ކުރި އާ އުސޫލުގައި ބުނެވައިވަނީ ފެއާ، ނައިޓްމާކެޓް ނުވަތަ މަގުމަތީބާޒާރު އިންތިޒާމް ކުރުމުގެ ހުއްދައަށް އެދި ފޯމު ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކާއި ރަޖިސްޓަރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާ ތަކަށް އެކަނި ކަމަށެވެ. އަދި އިމްޕޯޓު މުދަލުގެ ވިޔަފާރިކުރެވޭ ގޮތަށް އިންތިޒާމުކުރާ ފެއާތަކާއި ނައިޓްމާކެޓްތަކާ މިފަދަ އެހެން ވިޔަފާރިތައް ބާއްވާ ހުރިހާ ފަރާތްތަކުގެ މައްޗަށް މި އުސޫލު ހިނގާނެ ކަމަށެވެ.
އެހެންނަމަވެސް އިންޕޯޓް މުދާ ނުހިމެނޭ ގޮތަށް ބާއްވާ ނައިޓް މާކެޓްތަކާއި ފެއާ ތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެފައިވާއިރު އިމްޕޯޓް މުދަލުގެ ވިޔަފާރި ނުކުރެވޭ ގޮތަށް ބާއްވާ ބާޒާރުތަކުގައި ދަޅު، ފުޅި އަދި ޕެކެޓްގައި ހުންނަ ބުއިންތައް ވިއްކުމަށް ނުވަތަ ކެންޓީނެއް ހިންގުމަށްވެސް މި އުސޫލުގެ ދަށުން ހުއްދަ ނަގާކަށް ނުޖެހެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ފެއާތަކާއި ނައިޓް މާކެޓްތައް ނުވަތަ މަގުމަތީ ބާޒާރުތައް ހިންގަން ހުށަހަޅަނީ 2000 އިން ދަށުގެ އާބާދީއެއްގައި ނަމަ ފީގެ ގޮތުގައި 10،000 ރުފިޔާ ދައްކަން ޖެހޭއިރު 2000 އިން މަތީގެ އާބާދީއެއް އޮތް ސިޓީއެއްގައި ނަމަ ފީގެ ގޮތުގައި 20،000 ރުފިޔާ ދައްކަން ޖެހޭނެކަމަށެވެ.
އިމްޕޯޓް މުދާ ވިއްކަން ފެއާތަކާއި ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރުތައް ބޭއްވޭނީ ހާއްސަ މުނާސަބަތަކާ ދިމާކޮށް ކަމަށް ވެސް އިކޮނިކް މިނިސްޓްރީން ބުނެފިއެވެ.