އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް މިއަދު 22 ސްކޫލެއްގައި ފަށާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން ބުނެފައިވަނީ އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރަނީ ހަމައެކަނި ސެޝަން ބަދަލުކުރުމުގެ މާނައިގައި ނޫން ކަމަށާއި އެއީ ސްކޫލްތަކުގައި އެއްދަންފަޅިއަށް އެކަށީގެންވާ ވަސީލަތް ގާއިމްކޮށް ވަށާޖެހޭ ތަޢުލީމެއް ފޯޜުކޮށްދީގެން ދަރިވަރުން ދުނިޔެއަށް ތައްޔާރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
"އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުވުމުން ސްކޫލް ސެޝަން ނިމުމުން ދަރިވަރުންނާއި ޓީޗަރުން ގެއަށްގޮސް އާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދޭ
ވަށާޖެހޭ ތަޢުލީމުގެ އަމާޒަކީ ދަރިވަރުންނަކީ ދުނިޔެއަށް ލޯހުޅުވި، އެހެން މީހުންނާއެކު އުޅެން ދަސްވެފައިވާ، ހުނަރުވެރި، ތަޢުލީމީ، ދީނަށް ލޯބިކުރާ، ހަށިހެޔޮ ކުދިން ތަކަކަށް ހެދުން.
ތަޢުލީމީ އާ މަންހަޖުގެ މަގުސަދަކީ ދަރިވަރުން ޓެސްޓުތަކަށް ތައްޔާރުކޮށް ހަމައެކަނި ޓެސްޓްގެ ނަތީޖާއަށް ބެލުމުގެ ބަދަލުގައި ދިރިއުޅުމަށް ފުރާފުރިހަމަވެފައިވާ ދަރިވަރުންތަކެއް މުޖްތަމަޢަށް ނެރެދިނުން. އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުމުން މި އަމާޒަށް ވާސިލުވާން ފަސޭހަ ވެގެންދާނެ.
އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގައި ޓީޗަރުންނަކީ އެންމެ މުހިއްމު އަދި ބުރަ ރޯލެއް އަދާކުރާ ފަރާތްތައް." ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.