މަރުވުމުން ތިމާއަކީ ހެޔޮލަފާ، ސުވަރުގެ ޙައްޤު މީހެއްކަމަށް ހެކިދޭނެ ހެކިވެރިން ގިނަވުމަކީ ސުވަރުގެ ލިބުމުގެ ފުރުޞަތު ބޮޑުވެގެންދާ ކަމެއް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 14ސ
މަރުވުމުން ތިމާއަކީ ހެޔޮލަފާ، ސުވަރުގެ ޙައްޤު މީހެއްކަމަށް ހެކިދޭނެ ހެކިވެރިން ގިނަވުމަކީ ސުވަރުގެ ލިބުމުގެ ފުރުޞަތު ބޮޑުވެގެންދާ ކަމެއް!

މީސްތަކުން މީހަކާއިމެދު އެމީހަކީ ސުވަރުގެ ޙައްޤު މީހެއްކަމަށް ހެކި ދީފިނަމަ އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ. އަދި އެމީހަކީ ނަރަކަ ޙައްޤު މީހެއް ކަމަށް ހެކި ދީފިނަމަ އެމީހަކަށް ނަރަކަ ދެއްވަވާނެތެވެ. އެއީ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވައި އަނގަވައިދެއްވަވާފައިވާ ކަމެކެވެ. 

ޞަޙާބީންނާއިއެކު ރަސޫލް (ޞޢވ) ހުންނަވަނިކޮށް މައްޔިތަކު ވަޅުލަން ގެންދެވުނެވެ. އެމީހާއަކީ ހެޔޮ ލަފާ، ސުވަރުގެ ޙައްޤު މީހެއްކަމަށް ޞަހާބީން ދެންނެވުމުން އެބަސްފުޅު ޤަބޫލުފުޅު ކުރައްވަވައި އޭނާއަކީ ސުވަރުގެ ޙައްޤު މީހެއް ކަމަށް ރަސޫލް (ޞޢވ) ބަޔާން ކުރެއްވެވިއެވެ. އަދި ދެވަނައަށް ގެންދެވުނު މީހާއަކީ ނުބައި ނުލަފާ މީހެއް ކަމަށާއި އެއީ ނަރަކަ ޙައްޤު މީހެއްކަމަށް ޞަޙާބީން ބަޔާން ކުރެއްވެވުމުން އޭނާއަކީ ނަރަކަ ޙައްޤު މީހެއް ކަމަށް ވެސް ރަސޫލް (ޞޢވ) ވަނީ ބަޔާން ކުރައްވަވައިފައެވެ. 

މިކަމުން އެނގިގެންދަނީ އަހަރެމެން ކޮންމެ މީހަކީވެސް ހެކިވެރިއެއް ކަމެވެ. މީސްތަކުން ޙައްޤު ގޮތުގައި ދޭ ހެކިބަހުގެ ސަބަބުން މީހާއަށް ސުވަރުގެ ދެއްވަވާނެ ކަމެވެ. އަދި ނަރަކަވަންތަވެރިއަކަށްވެސް ވެދާނެ ކަމެވެ. 

ބައެއް ޤައުމުތަކުގައި ބާއްވާ ސިޔާސީ އެއްވުންތަކުން އެތައް ލައްކަ، އެތައް މިލިއަން މީހުން ފެނިގެން އެބަދެއެވެ. ސުވާލަކީ އެ އެންމެންނަކީ އެމީހާ މަރުވުމުން އެއީ ސުވަރުގެ ޙައްޤު މީހެއް ކަމަށް ހެކިދޭނެ މީޙުން ހެއްޔެވެ؟ އެހެންކަމަށް ނުވާނަމަ އެކަމުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ގަދައަޅައި މަސައްކަތްކުރަންވީ ތިމާ މަރުވުމުން ތިމާއަކީ ހެޔޮލަފާ، ސުވަރުގެ ޙައްޤު މީހެއް ކަމުގައި ބުނާނެ މީހުން ގިނަކުރުމަށެވެ. ތިމާގެ ޖަނާޒާގައި ބައިވެރިވެ ހެޔޮ ދުޢާކޮށްދޭނެ މީހުން ގިނަކުރުމަށެވެ. އާޚީރަތަށް ފައިދާކުރާނީ އެއިރުންނެވެ. 

މީސްތަކުންނަށް އޯގާތެރިވެ ދީލަތިވާންވީ އެ ސަބަބަށްޓަކައެވެ. ގިނަގިނައިން ޞަދަޤާތްކުރަންވީ އެ ސަބަބަށްޓަކައެވެ. މީސްތަކުންގެ މުހުތާދުތައް ވެވުނުހައި ގިނައިން ފުއްދައިދޭންވީ އެހެންވެގެންނެވެ. އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ ހެޔޮ ދުޢާކޮށްދޭންވީ އެސަބަބަށްޓަކައެވެ. 

ހަމަ އެއާއިއެކު ވިސްނައިލާށެވެ. އަމިއްލަ ޢާއިލާއަށް، އަނބިދަރިންނަށާއި މައިންބަފައިންނަށް އޯގށާތެރިވެ ލޯބިދިނުމަކީވެސް ގިނަ ބައެއްގެ ހެޔޮ ދުއާ ލިބިގެންދާ ކަމެކެވެ. އެފަދަ މީހުން މަރުވުމުން މީސްތަކުން ބުނާނެތެވެ. އޭނާއަކީ އޭނާގެ މައިން ބަފައިންނަށް، އަނބިދަރިންނަށް ހާދަހާ ހެޔޮ ރަނގަޅު މީހެކެވެ. 

ސުވަރުގެ ލިބިގަތުމަށް ކުރާ މަސައްކަތް ކުރުމުގައި ގަދައަޅައި މަސައްކަތްކުރަންވީ ކުރިން ބުނި ފަދައިން ތިމާ މަރުވުމުން އެހެން މީހުންގެ ހެޔޮ ދުޢާ ލިބޭނެ އަމަލުތައް ވީހައި ގިނަކުރުމަށެވެ. ހިތާމައަކީ އެކަމަށް ވިސްނާ މީހުން މަދުކަމާއި ދުނިޔަވީ ކަންކަމުގައި ތާއީދުކުރާނެ މީހުން ގިނަ ކުރަން މަސައްކަތް ކުރެވޭ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން