ރިސޯޓު ތަކުގެ ބޭނުމަށް ވެލި ނެގުމުގެ އުސޫލު އުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރިސޯޓު ތަކުގެ ބޭނުމަށް ވެލި ނެގުމުގެ އުސޫލު އުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ރިސޯޓު ތަކުގެ ބޭނުމަށް ވެލި ނެގުމުގެ އުސޫލު އުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ތިމާވެއްޓާ މެދު އިހްމާލުވެ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. 

މިކަމާ ގުޅިގެން ފަތުރުވެރިން ބައިތިއްބާ އެންމެހާ ތަންތަނަށް ގާނޫނު ތަކާއި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އަންގާ މިއަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހާއި، މެއި މަހުގެ 28 ވަނަ ދުވަހު ސާކިއުލާއެއް ފޮނުވާފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން މިފަދަ ކަންކަމުގައި އިހްމާލުވަމުންދާތީ މިކަމާ މެދު ފިޔަވަޅު އެޅުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ނިންމާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ. 

މިއުސޫލު އެކުލަވާލީ ރިސޯޓްތަކުގެ ގޮނޑުދޮށް ރީތިކުރުމަށް އެ ރިސޯޓެއްގެ އިހްތިޞާސުން ބޭރުގައިވާ ފަޅުތަކުން ވެލި ނެގުމަށް ހުއްދަ ދިނުމުގެ ގޮތުން 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް ފަޅުތަކުގެ ތިމާވެއްޓަކީ ކަނޑުގެ ދިރުންތައް އާލާވުމަށް މުހިއްމު މާހައުލެއް ކަމުން ފަޅުތައް ހިމާޔަތްކުރުމުގެ ގޮތުން މިފިޔަވަޅުތައް އެޅުން މުހިއްމު ކަމަށް މިނިސްޓްރީން ދެކޭ ކަމަށްވެސް ބަޔާނުގައިވެއެވެ. 

 

މިއަދު އޮންލައިން