ލަންކާގައި ތިބި ބުދު ދީނުގެ ހާމުދުރުންގެ ތެރެއިން ޞުލްޙައަށް ލޯބިކުރާ ބައެއް ހާމުދުރުން މުސްލިމުންނަށް ރޯދަވީއްލުން ދިނުން ފަދަ ކަންކަން ކުރަމުން އެބަގެންދެއެވެ. ބައެއް ފައްޅިތަކުގައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދަނީ މުސްލިމުންނާއި ބުދިސްޓުންނަކީވެސް އެކުވެރިންގެ ގޮތުގައި ދިރިއުޅެވޭނެ ބައެއްކަން ދައްކައިދިނުމުގެ ގޮތުންނެވެ.
ދާދި ފަހަކާއި ޖެހެންދެން ލަންކާގައި ބުދިސްޓުންނާއި މުސްލިމުންގެ މެދުގައި މާ ބޮޑެތި މައްސލަތަކެއް ނުއޮވެއެވެ. މައްސަލތައް ކުރިމަތިކުރުވަން ފެށީ މުސްލިމުންގެ އަދަދު މަދު ނަމަވެސް ވިޔަފާރި އާއި އެހެންވެސް ކަންކަމުގައި މުސްލިމުން ކުރިއަރައިދާން ފެށުމުންނެވެ.
ފަހަކަށް އައިސް ސްރީލަންކާގެ ސަރުކާރުގެ ވާގިވެރިކަމާއިއެކު ހާމުދުރުން ގެންދަނީ ގުންޑާއިން ގޮވައިގެން މަގުތަކަށް ނުކުމެ މުސްލިމުންގެ މުދަލަށާއި ގެދޮރަށާއި ފުރާނައަށް ބޮޑެތި ގެއްލުންތައް ދެމުންނެވެ.