5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ގްރީން ނާސަރީ ޕްރޮޖެކްޓުގެ މުރާޖަޢާ ބައްދަލުވުމެއް ޗައިނާގެ ފޫޖިއަންގައި ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ގްރީން ނާސަރީ ޕްރޮޖެކްޓުގެ މުރާޖަޢާ ބައްދަލުވުމެއް ޗައިނާގެ ފޫޖިއަންގައި ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން، "ގްރީން ނާސަރީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ މެދުޒިޔާރަތް މުރާޖަޢާކުރުމުގެ (މިޑް ޕްރޮޖެކްޓް ރިވިއު) ބައްދަލުވުމެއް ޗައިނާގެ ފޫޖިއަން ޕްރޮވިންޝަލް އޮފީހާއެކު ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ޗައިނާގެ ފޫޖިއަން ޕްރޮވިންސްގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ފެހިކަން އިތުރުކުރުމަށްޓަކައި ޤާއިމުކުރެވޭ ގްރީން ނާސަރީ މަޝްރޫޢުގެ މަސައްކަތްތައް މިހާތަނަށް ކުރިއަށް ގޮސްފައިވާ މިންވަރު ދެނެގަތުމާއި، ކުރިއަށް އޮތް މަރުޙަލާތަކުގައި މަސައްކަތްތައް ހަލުވިކަމާއެކު ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި މަޝްވަރާކުރުމެވެ.

މި ބައްދަލުވުމުގައި ފޫޖިއަން ޕްރޮވިންޝަލް އޮފީހުގެ އިސްވެރިންނާއި، ރާއްޖޭގެ ފަރާތުން ކަމާބެހޭ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ދެ ފަރާތުގެ ދެމެދުގައި ވަނީ މި މަޝްރޫޢުގެ ފަންނީ ކަންކަމާއި، ނާސަރީ ތަރައްޤީކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބޮޑު މަޝްރޫޢަކީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފެހި މާޙައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ވަޢުދެކެވެ. މިގޮތުން ޗައިނާގެ ފޫޖިއަން ޕްރޮވިންސާއެކު ކުރިއަށްގެންދެވޭ މި ޕްރޮޖެކްޓަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށް ބޭނުންވާ ފެންވަރު ރަނގަޅު ގަސް އުފައްދައި، ނާސަރީތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން