މުސްކުޅި ލޯފަން އަންހެނަކަށް އަބޫބަކުރުގެފާނު އެހީތެރިވެދެއްވީ އޭނާގެ ކިބައިން ވޯޓަކަށް އެދިވަޑައިގެނެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
މުސްކުޅި ލޯފަން އަންހެނަކަށް އަބޫބަކުރުގެފާނު އެހީތެރިވެދެއްވީ އޭނާގެ ކިބައިން ވޯޓަކަށް އެދިވަޑައިގެނެއް ނޫން!

އެމެރިކާގެ ރައީސް ޖޯން އެފް ކެނެޑީ އަށް މަގުމަތިން މުސްކުޅި އަންހެނަކު ފެނިވަޑައިގަތުމުން ކާރުކޮޅުން ފައިބާ ވަޑައިގެން އޭނާއަށް އެހީތެރިވެދެއްވުމަށްފަހު ވިދާޅުވިކަމަށް ޑރ. ޒަކަރިއްޔާ ރޭ ވިދާޅުވީ އޭނާގެ ކިބައިން ވޯޓެއް ލިބިވަޑައިގެންފާނެ ކަމަށެވެ. އެހެންކަމުން އެކަން ކުރެއްވީ ކޮންމެހެން މުސްކުޅި އަނހެނާގެ ޙާލަތަށް ބައްލަވައިގެން ނޫން ކަމާއި ވޯޓެއް ހޯއްދެވުމުގެ ބޭނުންފުޅުގައިކަން އެބަ އެނގެއެވެ.  

މުސްލިމުންގެ ފުރަތަމަ ޚަލީފާ، ޢަބޫބަކުރުގެފާނު ހުވަފަތް، މުސްކުޅި، ލޯފަން އަންހެނަކަށް ކޮންމެ ދުވަހަކު ޚިދުމަތްކޮށް ދެއްވެވީ ޚިދުމަތް ކޮށް ދެއްވަވަނީ އެކަލޭގެފާނުކަން ވެސް އެ އަންހެން މީހާއަށް ނުއަންގަވައި ސިއްރުކުރައްވައިގެން ހުންނަވައެވެ. އަދި ޚިދުމަތްކޮށްދެއްވަމުން ގެންދެވީ ކޮންމެ ދުވަހަކު އެކަމަނާ ދިރިއުޅޭ ގެއަށް ވަޑައިގެންނެވެ. މަގުމަތިން ފެނިވަޑައިގަތުމަކުންވެސް ނޫނެވެ.  

އަބޫބަކުރުގެފާނުގެ ހަމައެކަނި ބޭނުންފުޅަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯއްދެވުމެވެ. ﷲ ތާޢާލާއާއި ކުއްތަންވެވަޑައިގަތުމެވެ. ދުނިޔަވީ ގޮތުން ބޭނުންފުޅުވެވަޑައިގެންނެވި ހަމަ އެއްވެސް ކަމެއް ނެތެވެ.  

ނިމިގެން ދިއަ ޢާންމު އިންތިޚާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުން ގޭގެއަށް މީހުން ފޮނުވައިގެން ކައްކައިދިން ވާހަކަވެސް އަޑުއިވުނެވެ. ބައެއް ކެންޑިޑޭޓުން އަލަށް ހޮސްޕިޓަލަށް ގޮސް އެޑްމިޓްކޮށްފައި ތިބި މީހުންގެ ގައިގާ ފިރުމައިވެސް ހެދިއެވެ. ދުވަހަކު ގޭގެއަށް ނުވެސް ވަންނަ މީހުން ހަވީރު ގޭގެއަށް ވަދެ ސައިބޮއިވެސް ހެދިއެވެ. ކަން މިހެން އޮތް އިރު އިންސާނިއްޔަތަށް ޚިދުމަތް ކުރެއްވުމުގައި މުސްލިމުން ނަމޫނާ ނަގަން ޖެހޭނީ ޖޯން އެފް ކެނެޑީގެ ކިބައިންތޯއެވެ؟ 

އިހްޔާ ފޯރަމެއްގައިވެސް ދަރުސެއްގައިވެސް މުސްލިމުންގެ ކިބައިން މިސާލު ނަގައި ނަމޫނާ ދެއްކެން އޮންނަ ކަންކަމުގައި ކާފަރުންގެ ކިބައިން މިސާލު ނެގުމަކީ އަޅުގަނޑަށް އެއްގޮތަކަށްވެސް ޤަބޫލުކުރެވޭ ކަމެއް ނޫނެވެ. ޚާއްޞަކޮށް މާ ފުރިހަމަ މިސާލުތައް މުސްލިމުންގެ ކިބައިން ފެންނަން ހުންނަ ކަންކަމުގައި މިސާލު ނަގައި ނަމޫނާ ދައްކަން ޖެހޭނީ މުސްލިމުންގެ ކިބައިންނެވެ.  

ވީމާ ދަރުސްތަކާއި އިޙްޔާ ފޯރަމްތަކުގައި ވާހަކަފުޅު ދައްކަވަން ތިއްބެވި ބޭފުޅުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިދަންނަވަމެވެ. އަދި އިސްލާމިކް މިނިސްޓްރީން ވެސް މިފަދަ ކަންކަމަށް ބާރު އަޅުއްވައި ދެއްވުމަށް ވެސް އެދެމެވެ.  

ރޭގެ ޕްރޮގްރާމް ނިމުމާއި ގުޅިގެން މިފަދަ ކަންކަމަށް ނުވިސްނަވާ ބައެއް ބޭފުޅުން ތަފާތު އިބާރާތްތަކުން ކޮމެންޓްކުރިތަން ފެނުނެވެ. އެއީ ޖޯން އެފް ކެނެޑީ ފަދަ މީހެއްގެ ވާހަކަ އެވަރަށް ދެކެވުނީމައި ކަމަށްވެދާނެއެވެ. ނަމަވެސް އެއީ ޖޯން އެފް ކެނެޑީ އިންސާނިއްޔަތަށް ކުރެއްވި  ޚިދުމަތެއް ނޫން ކަމާއި އެއީ ވޯޓެއްގެ ދަހިވެތިކަމުގައި ކުރެއްވި ކަމެއްކަން ޑރ. ޒަކަރިއްޔާ ބަޔާންކޮށް ދެއްވެވިކަން އެމީހުންނަކަށް ނުވިސްނެއެވެ.

 

 

އެޑިޓަރުގެ ނޯޓް:

މިއީ މިއަދުނޫހާއި ވަރަށް ގާތްކަން ބަހައްޓަވާ "އަޙްމަދު އަނީސް" ފޮނުއްވާފައިވާ ލިޔުމެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. 

މިއަދު އޮންލައިން