ކައްވަޅުގެ ޢަޛާބުން ސަލާމަތްވެ ޤިޔާމަތާއި ހަމައަށް އަރާމު ނިދީގައި ނިދާފައި އޮންނަން ބޭނުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ކައްވަޅުގެ ޢަޛާބުން ސަލާމަތްވެ ޤިޔާމަތާއި ހަމައަށް އަރާމު ނިދީގައި ނިދާފައި އޮންނަން ބޭނުން ހެއްޔެވެ؟

ކޮންމެ މީހަކުވެސް އެންމެ އެދޭނެ އެއްކަމަކީ މަރުވުމުން، ޤިޔާމަތާއި ހަމައަށް އަރާމު ނިންޖަކުން ނިފާއި އޮތުމަށެވެ. އެ މަތިވެރި ނިޢްމަތް ލިބިގަތުމުގެ ނަޞީބު ލިބޭނެ މީހުންގެ ތެރޭގައި ހިމެނުމަށެވެ. ނަމަވެސް އެ ނިޢްމަތަކީ އެހައި ފަސޭހައިން ލިބެން އޮތް ނިޢްމަތެއް ނޫނެވެ. އެ ނިޢްމަތް ލިބޭނީ އެ ނިޢްމަތް ހޯދަން ގަދައަޅައި ދުނިޔޭގައި ހުރިއިރު މަސައްކަތްކުރި މީހަކަށެވެ. 

މަރުވެ ވަޅުލެވުމުން ކައްވަޅުގައި ސުވާލުތަކެއް ކުރެވޭނެކަން އެބައެނގެއެވެ. އެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދެވިއްޖެ މީހަކަށް މެނުވީ ޤިޔާމަތާއި ހަމައަށް އަރާމު ނިންޖަކުން ނިދާފައި އޮތުމުގެ ނަޞީބެއް ނުލިބޭނެއެވެ. އެ ނަޞީބު ލިބުނު މީހުން ޤިޔާމަތުގެ ތާޅަފިއްޔަށް ކައްވަޅުން ތެދުވަން  ޖެހުމުން އެމީހުންނަށް، އެ އަރާމު ނިދީގައި ތިއްބައި އުނދަގޫ ކުރަނީ ކާކުތޯ ސުވާލުކުރާނެއެވެ. 

ނިދުމަކީ ކުޑަމަރެކެވެ. މަރަކީ ބޮޑުވެގެންވާ ނިންޖެކެވެ. މިއީ އެންމެންނަށް އެނގޭ ކަމަކެވެ. ނަމަވެސް މަރުވުމުން އެއީ ނިންޖަކަށް ހެދޭނީ އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރި މީހަކަށެވެ. ކޮންމެ ރެއަކު މެރުއްވެވުމަށްފަހު އަލުން ފުރާނަ އަޅުއްވަވާ ސަބަބާއިމެދު ވިސްނައި ފިކުރުކުރި މީހަކަށެވެ. 

ކޮންމެ މީހަކުވެސް ކޮންމެ ރެއަކުވެސް ނިދަނީއެވެ. ނިދުމާއިއެކު މީހާ މަރުވެއެވެ. ނިދިން ހޭލެވެނީ ﷲ ތާޢާލާ އެމީހެއްގެ ފުރާނަ އަލުން އަޅުއްވަވައި ދެއްވަވައިފިނަމައެވެ. އެކަން އެންމެންނަށްވެސް އެބަ އެނގެއެވެ. ނަމަވެސް ސުވާލަކީ ނިދިން ހޭލެވުމުން އިތުރު ދުވަހަކަށް ﷲ ތަޢާލާ އެމީހެއްގެ ފުރާނަ އަޅުއްވަވައި ދެއްވެވި ސަބަބާއިމެދު ވިސްނައި ނުލެވޭތީއެވެ. 

އިތުރު ދުވަހަކަށް ތިބާގެ ފުރާނަ އަޅުއްވަވައި ދެއްވެވީ ހެނދުނު ވީހައި މީރުކޮށް ސައިބުއިމަސް ހެއްޔެވެ؟ ދަރިން ސްކޫލަށް ގެންދަން ހެއްޔެވެ؟ އަނބިމީހާއަށް ބާޒާރުކޮށްދޭން ހެއްޔެވެ؟ މަސައކަތްކޮށްގެން ވީހައި ގިނަ ފައިސާ ހޯދަން ހެއްޔެވެ؟ ނޫނީ ބޮޑު ގެއެއް އަޅައި ނިންމާލަން ހެއްޔެވެ؟ ނޫނީ އެނޫންވެސް އެފަދަ ކަމެއް ކުރަން ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެންމެ ފުރަތަމަ ދުވަހު ތިބާ މިދުނިޔެއަށް އުފަން ކުރެއްވެވީވެސް އަދި އެއިގެ ފަހުން ކޮންމެ ރެއެއްގެ ނިދިން ހޭ ލައްވަވަނީވެސް ތިބާ ހަމަ އެންމެ ކަމެއް ކުރުމަށެވެ. އެއީ ﷲ ތަޢާލާއަށް އަޅުކަން ކުރުމަށެވެ. އެކަމުގައި އިހްމާލު ވެއްޖެ މީހަކަށް ކައްވަޅުގެ ޢަޒާބުން ސަލާމަތްވެ އަރާމުގައި ނިދާފައި އޮތުމުގެ ނަޞީބެއް ނުލިބޭނެއެވެ. 

އެ ނަޞީބު ލިބިގަންނަން ބޭނުން ނަމަ ނިދީން ހޭލެވުމާއިއެކު ކޮންމެ މީހަކީވެސް ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ދުވަސް ހޭދަކުރާ މީހަކަށްވާން އެބަޖެހެއެވެ. ﷲ ތަޢާލާގެ މަތިން ގިނަގިނައިން ހަނދުމަކޮށް އަޅުކަން ކުރާ މީހަކަށް ވާން އެބަޖެހެއެވެ. ނަމަވެސް ހިތާމައަކީ ނިދިން ހޭލެވުމާއިއެކު ދެއްވެވި ބޮޑު ނިޢްމަތާއިމެދު ވިސްނައި ނުލެވޭކަމެވެ. ވީމާ މިއީ ހަމަ ކޮންމެ މީހަކުވެސް މިއަދު ވިސްނައި ފިކުރުކުރަން ޖެހޭނެ ކަމެކެވެ. 

- މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން