ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން ވެސްޓް ޕާކް ސަރަހައްދު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ވެސްޓްޕާކް ސަރަހައްދުގެ މަގުގެ އެއްފަޅި މިހާރު ވަނީ ޓްރެފިކަށް ބަންދުކޮށްފައެވެ. ވެސްޓް ޕާކް ސަރަޙައްދަކީ ވިއްސާރަ މޫސުމުގައި މާލޭގައި އެންމެ އަވަހަށް ފެންބޮޑުވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އެއް ސަރަޙައްދެވެ.
މި މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން ވެސްޓް ޕާކް ސަރަޙައްދުގައި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މީގެއިތުރުން، މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުވެސް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ދެން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް އޮންނަ ސަރަޙައްދެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލުމަށެވެ.