ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތައް ދިނުމުގައި އިސްކޮށް ހުރި ޒަހްރާން ހާޝިމީ ރާއްޖެ އައިސްފައިނުވާކަމަށް ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ބުނުމުން އެކަން ޤަބޫލުކުރާނީ ކާކު ކަމާއިމެދު ސުވާލު އުފައްދާ މީހާ ދައްކަނީ އެހެން މީހުންނަށް ޤަބޫލުކުރެވޭނެ ވާހަކަ ނަމަ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ބައިވެރިނުވާ މީހަކު މަރަން ޙުކުމްކޮށް ޖަލުގައި ބަންދުކޮށްފައި ބަހައްޓަނީ ކީއްވެގެން ހެއްޔެވެ؟
އޭނާ ބުނާ ގޮތުން ޑރ. އަފްރާޝީމް އަވަހާރަކޮށްލި މީހުން ވަނީ ފިލައިފައެވެ. އެއީ ހަމައެކަނި އޭނާ ބުނާ ވާހަކައެއް ނޫނެވެ. ރައީސް ނަޝީދުވެސް ވިދާޅުވެފައިވާ ވާހަކައެކެވެ. އެމްޑީޕީގެ އެންމެ އިސްވެރިންނަށް އެކަން އެހައިވަރަށް ޔަޤީންކުރެވޭއިރު ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ކުށުގައި ހުމާމް ކިޔާ މީހަކު އެމްޑީޕީގެ ވެރިކަމުގައި ޖަލުގައި ބަހައްޓަނީ ކީއްވެގެންހެއްޔެވެ؟ ޔަޤީންކުރެވޭ ކަމަކީ ހުމާމް ހިފައި ހައްޔަރުކުރީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސް އުލެނިކޮށް ނޫން ކަމެވެ. ވީއިރު އެކަންކުރި މީހުން ފިލާފައިވާނަމަ ހުމާމް ޖަލުގައި ބެހެއްޓުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
ޒަހްރާން ހާޝިމީ ރާއްޖެ އައިކަމަށް ޓްވީޓްކުރި އިންޑިއާ މީހާ ރީޓްވީޓްކޮށްފައިވާ އިތުރު އެމްޑީޕީގެ ވެރިއެއްގެ ޓްވީޓުގައި ވަނީ ރާއްޖެއިން އައިއެސްއަށް އެހީތެރިވެދީ ފަންޑުކުރާ ކަމަށެވެ. އެއީ ތެދެއްކަމަށްވާނަމަ އެކަންކުރާ ބައަކު ހިފައި ހައްޔަރު ނުކޮށް އެކަން ކުރަން ދޫކޮށްލާފައި ބައިތިއްބަނީ ކީއްވެގެން ހެއްޔެވެ؟
ހަމަ އޭނާ ރީޓްވީޓްކޮށްފައިވާ ދިވެއްސެއްގެ ޓްވީޓުގައި އައިއެސްއަށް ރާއްޖެއިން މީހުން ފޮނުވާ މީހުންގެ ލިސްޓުގައި ޑރ. ޝަހީމްގެ ނަންފުޅު އެބައިނެވެ. އައިއެސް އާއި އެންމެ ދެކޮޅު ޤައުމަކީ ސައުދިޢަރަބިޔާއެވެ. އައިއެސް އާއި ކުރިމަތިލައި ހަނގުރާމަކުރުމަސް އެންމެ ބޮޑަށް ވާގިވެރިވަނީ ސައުދިޢަރަބިޔާއިންނެވެ. ޑރ. ޝަހީމް މިހާރު ވެސް ހުންނެވީ ސައުދިއަރަބިޔާގައެވެ. މަސައްކަތް ކުރައްވަމުން ގެންދަވަނީ އޯއައިސީގެ ސެކެޓްރީ ޖެނެރަލަށް ލަފާދެއްވާ ސްޕެޝަލް އެޑްވައިޒަރެއްގެ މަޤާމުގައެވެ. ވީއިރު އަޅުގަނޑުމެން ޤަބޫލުކުރަންވީ ޑރ. ޝަހީމް އެފަދަ މަޤާމެއްގައި އެބަހައްޓަނީ މިފަދަ އެއްވެސް މައުލޫމާތެއް އެމެރިކާއަށާއި ސައުދިއަރަބިޔާއަށް ނުއެނގޭތީ ކަމަށް ހެއްޔެވެ؟
މީގެ ކުރިން ނެރޭ މިފަދަ ލިސްޓުތަކުގައި ޝައިޚް އިމްރާންގެ ނަންފުޅުވެސް އިނދެއެވެ. މިހާރު ނެތީ "ޓެރަރިސްޓް" ހޯމް މިނިސްޓަރުކަން ކުރައްވާތީތޯއެވެ؟ އެހެންކަމަށްވާނަމަ ރާއްޖެއަށް އެލިބެނީ އިތުރު ރެކޯޑެކެވެ. އެއީ "ޓެރަރިސްޓަކު" ހޯމް މިނިސްޓަރުކަން ކުރާ ހަމައެކަނި ޤައުމުކަމަށްވާތީއެވެ.
މިކަންކަމަށް ވިސްނެވުމަށްފަހު ވިދާޅުވެބައްލަވާށެވެ! ޤަބޫލުކުރަންވީ އެމީހާ އެދައްކާ ވާހަކަތައް ހެއްޔެވެ؟ އެމީހާ އެދައްކާ މިވާހަކަތައް ޤަބޫލުކުރާނީ ކާކު؟ ކިހިނެއް ހެއްޔެވެ؟
މިފަދަ ނާޒުކު ވަގުތެއްގައި ރާއްޖޭގެ ސަރުކާރުގެ ރަސްމީ ބަސްތައް ދޮގުކޮށް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުން ދޭން މަސައްކަތް ނުކުރުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން ތަކުރާރުކޮށް ގޮވާލަމުން ގެންދައިރު ވެރިކަން ކުރާ ޕާޓީގެ ތެރެއިން މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުން ދޭން މަސައްކަތް ކުރުމަކީ ކަންބޮޑުވުން އިތުރުވާ ކަމެކެވެ.