އަވަށްޓެރި ޝްރީލަންކާއަށް މިމަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ހަ ދިވެހީން ހައްޔަރު ކުރިކަމަށާއި އޭގެ ތެރެއިން ހަތަރު ދިވެއްސެއްގެ ގެއިން މަސްތުވާތަކެތި ފެނުނު ކަމަށް ބުނަމުން އަންނަ ވާހަކަ، އޭގެ ތެރެއިން އެއް ކުއްޖެއްގެ ބައްޕަ ދޮގު ކޮށްފިއެވެ.
ނަން ހާމަ ނުކުރުމަށް އެދި "މިއަދުނޫހަށް" މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ، ހަތަރު ކުދިންގެ ގެއިން "މަސްތުވާތަކެއްޗާއި އެއާ ގަން އެއް ފެނުނު ކަމަށް" ބުނާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެކުދިން ތިބީ ލަންކާ ފުލުހުންގެ ހައްޔަރުގައެއް ވެސް ނޫން ކަމަށެވެ.
"އެއާ ގަން އެއް އެކުދިން ގެންގުޅޭ ކަމުގެ މައުލޫމާތު ބަޔަކު ލަންކާ ފުލުހުންނަށް ދީގެން އެގެ ފާސްކުރީ. އެކަމަކު އެމީހުންނަށް ފެނިފައިވަނީ ޓޯއީ އެއާ ގަން އެއް. އެއީ އެތަނުގައި ވިއްކަން ހުންނަ އެއްޗެއް، އަދި އެތަނުގެ ޤާނޫނުގައި ގެންގުޅުން މަނާ އެއްޗެއް ވެސް ނޫން. މިހަމަލާ ދިނުމުގެ ކުރިންވެސް އެމީހުން އޭތި ގެންގުޅުން. އެތަނުގެ ފިހާރައަކުން އެއެއާގަން ގަތީވެސް. ލަންކާ ފުލުހުން ވެސް ބުނެފައިވަނީ އެއީ އަސްލު އެއާ ގަން އެއް ނޫނެކޭ ޓޯއީ އެއްޗެކޭ. ދެން މަސްތުވާތަކެތި ފެނިފައިވެއޭ ބުނާއިރު، އެއީ ވެސް ކަނޑައެޅިގެން ދޮގެއް. އެމީހުންގެ ގެއިން ފެނިފައިވަނީ ކެމަލް ހާޑް ސިނގިރޭޓު ފޮށިތަކެއް. ކެމަލް ހާޑް އަކީ ލަންކާގައި އާންމުކޮށް ބޭނުން ކުރާ ބާވަތެއް ނޫން ވީމަ އެމީހުންނަށް އެއިރު އޮޅުން އެރީ. އެކަމަކު އެކަން ވެސް ވަނީ ސާފުވެފަ" އޭގެ ތެރެއިން އެއް ދިވެއްސެއްގެ ބައްޕަ ކިޔައިދިނެވެ.
މަސްތުވާ ތަކެތި ފެނިގެން ހަތަރު ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށް ބުނާ ވާހަކަ ވެސް އޭނާ ވަނީ ދޮގު ކޮށްފައެވެ.
"ލަންކާ ފުލުހުންގެ ބަންދަކު ނޫން އެކުދިން ތިބީ. އަޅުގަނޑު މިހާރުވެސް މިއައީ މީގެ 10 މިނެޓު ކުރިން އަޅުގަނޑުގެ ދަރިފުޅާ ވާހަކަ ދައްކާފަ.ދަރިފުޅު ބުނި ހުރިހާ ކަމެއް ވެސް ރަނގަޅު ވާހަކަ. ކިހިނެއްތޯ މިވަރުގެ ބޮޑު ކަމެއްގަައި ހައްޔަރު ކޮށްފަ ހުރިނަމަ ފޯނުން ގުޅައިގެން ވާހަކަ ދެއްކޭނީ؟ އަޅުގަނޑު ކައިރީގައި އެކުދިންގެ ވަކީލު ވެސް ވިދާޅުވި ހައްޔަރު ކޮށްފައެއް ނޫނޭ ތިބީ. އެކަމަކު އެކުދިންގެ ސަލާމަތަށްޓަކައި ސެކިއުރިޓީ ވަރުގަދަ ތަނެއްގައި އެކުދިން ބައިތިއްބާފައޭ ތިބީ. އެއީ އެކުދިންގެ ރައްކާތެރިކަމަށްޓަކައި. އިއްޔެ 15:00 ގައި އެކުދިން ކޯޓަށް ހާޒިރު ކުރެވުނު. އެކަމަކު އެއީ މައްސަލައެއް ބެލުމަކަށް ނޫން. ލަންކާ ފުލުހުންނާއި ކޯޓުން، އެމްބަސީއަށް އެންގި އެކުދިންނާއި ހަވާލުވާން އައުމަށް. އެމްބަސީއިން އެކަމަކު ފޮނުވީ ލަންކާ މީހެއް، އެހެންވެ ކޯޓުން ބޭނުން ނުވީ ލަންކާ މީހަކާއި އެކުދިން ހަވާލުކޮށްފަ ފޮނުވަން. އެއީ ވެސް އެކުދިންގެ ރައްކާތެރި ކަމަށްޓަކައި. އެހެންވެ ކޯޓުން އެމްބަސީ އަށް އަންގާފަ ވަނީ ލަންކާ މީހަކާއި ހަވާލު ނުކުރާނެ ކަމަށާއި ދިވެއްސެއް ފޮނުވަންދެން ސެކިއުރިޓީ ރަނގަޅު ތަނެއްގައި އެކުދިން ބައިތިއްބާނެ ކަމަށް. މިއަދާއި މާދަމާއަކީ ބަންދު ދުވަހަކަށްވާތީ ހޯމަ ދުވަހާއި ހަމައަށް މަޑުކޮށްގެން ތިބި ކަމަށް ވަކީލު އަޅުގަނޑަށް އަންގާފަވަނީ. އަޅުގަނޑު މިދަނީ ވަރަށް ގާތުން އެކަން ބަލަމުން." އެމީހާ ކިޔައިދިނެވެ.
އެމްބަސީން އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭކަމަށް ބުނާއިރު، އެކުދިން ތިބި ތަނަށް އެއްވެސް މީހަކު ފޮނުވާފައި ނުވާކަން އޭނާވަނީ ފާހަގަ ކޮށްފައެވެ. އަދި އެކުދިންގެ އެއްވެސް މައްސަލައެއް ނެތްކަމަށް ވަކީލުން ވެސް ބުނެފައިވާ ކަމަށާއި ބޮމުގެ ހަމަލާއާއި އެކުދިންނާއި އެއްވެސް ގުޅުމެއް ވެސް ނުވެއެވެ.
"އަޅުގަނޑު ބުނެލަން ބޭނުމީ، ވަކީލުވެސް ސާފު ސީދާކޮށް އަޅުގަނޑު ކައިރީ ވިދާޅުވެފައޭ ވަނީ، އެކުދިންގެ އެއްވެސް މައްސަލައެއް ނެތްކަން، އެކުދިން ތިބީ ލަންކާ ފުލުހުންގެ ބަންދުގައެއް ވެސް ނޫންކަން. ލަންކާއަށް ދީފައިވާ ބޮމުގެ ހަމަލާއާއި އެކުދިންނާއި އެއްވެސް ގުޅުމެއް ނެތް. އެކުދިން ބައިތިއްބާފައި ތިބީ ސެކިއުރިޓީ ވަރުގަދަ ތަނެއްގަ" ކަންހިނގާފައިވާ ގޮތް ސާފުކޮށްދެމުން އެތަނުން އެއް ކުއްޖެއްގެ ބައްޕަ ބުންޏެވެ.