މިމަހުގެ 22 ވީ އާދީއްތަ ދުވަހު މުޅި ދުނިޔެ ސިއްސުވާލި އެންމެ ބޮޑު ހާދިސާއަކީ، އަވަށްޓެރި ޝްރީ ލަންކާގެ އެކި ކަންކޮޅުތަކަށް ބަޔަކު ދިން ބޮމުގެ ހާދިސާއެވެ.
އެތަކެއް ގެދޮރާއި އިމާރާތްތަކެއް ހަލާކުވެ، އާއިލާތަކެއް ވިއްސިވިހާލިވި އެބިރުވެރި ހާދިސާގެ ނާމާންކަން އެޤައުމުން އަދިވެސް ފިލައިގެން ނުދެއެވެ. އެހިތާމާގައި މުޅި ދުނިޔެވެސް އެމީހުންނާއެކު ބައިވެރިވެއެވެ.
އެދުވަހުގެ އެހާދިސާގެ ސަބަބުން ލޯބިވާ އާއިލާއާއި ވަކިވެގެން ދާން ޖެހުނު ދެ ބައްޕައިން، ނުހަނު ގަދަ ހިތްވަރަކާއެކު އެވާހަކަތައް ކިޔައިދިނެވެ.
އޭގެ ތެރެއިން އެކަކީ ލަންކާ ރައްޔިތެއް ކަމަށްވާ ސުދޭޝް ކޮލޯނެލް އެވެ. އޭނާ ކައިވެނި ކޮށްގެން އުޅުނީ އޮސްޓްރޭލިއާ އަންހެނަކާއެވެ. ހަމަލާގައި އޭނާގެ އަންހެނުން މާނިކް ސުރިއާރެޗީ އާއި އުމުރުން 10 އަހަރުގެ އަންހެން ދަރިފުޅު އެލެގްޒެންޑްރިއާ ވަނީ މަރުވެފައެވެ.

އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް ދިން އިންޓަވިއު އެއްގައި ސުދޭޝް ބުނީ ބޮން ގޮއްވާ އަޑުފައްގަނޑު އިވެން ފެށުމުން ސަލާމަތްވުމަށްތަކައި އެމީހުން ވެސް ދުނިކަމަށެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ފެނުނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު މިދުނިޔެއަށް އަލްވަދާއު ކިޔާފައި، ސްޓްރީޓް ސެބޭސްޝަން ޗާރޗްގެ ތަޅުންގަނޑަށް ވެއްޓިފައި އޮއްވާ ކަމަށާއި ކައިރީގައި އޭނާގެ އަންހެނުން ވެސް މަރުވެފައި އޮއްވާ ފެނުން ކަމަށެވެ.
"އަހަންނަކަށް ނޭނގެ ދިރިއުޅުމުގަ ދެން އަހަރެން ކުރާނެ ކަމެއް.... ކުއްލިއަކަށް ހުރިހާ ކަމެއް މިވަނީ ބަދަލުވެފަ..." އަސަރާއެކު އިންޓަވިއުގައި ސުދޭޝް ބުނެފައިވެއެވެ.
ސުދޭޝްގެ އިތުރުން އެހަމާލައިގައި އާއިލާއާއި ވަކިވާން ޖެހުނު އެކަކީ ބްރިޓިޝް ގެ ރައްޔިތެއް ކަމަށްވާ ބެން ނިކޯލްސަން އެވެ.
ބެން ގެ އަންހެނުން އަނީތާ ނިކޯލްސަން އާއި 14 އަހަރުގެ ފިރިހެން ދަރި އެލެކްސް އާއި 11 އަހަރުގެ އަންހެން ދަރި އެނަބެލް މަރުވީ ކޮލޮމްބޯގެ ޝަންގްލި ހޮޓަލަށް ދިން ބޮމުގެ ހަމަލައިގައެވެ.

"އެމީހުން މަރުވީ އިތުރު ވޭނެއް ނުލިބި އަވަސް މަރަކުން. އަހަރުމެންނަށް އެހީތެރިވެދިން އެންމެންނަށް ޝުކުރުވެރިވަން. އެކަމަކު އަހަރެން މިވަގުތު ބޭނުމީ އާއިލާ މަތިން ހަނދާން ކޮށްލަން ދެމި ހުންނަން އެކަނިވެރި ވަގުތުކޮޅެއް" ބެން ބުނެފައިވެއެވެ.
ބެން އާއި އޭނާގެ އާއިލާ ލަންކާއަށް އެދަތުރު ދިޔައީ ޗުއްޓީ ހޭދަ ކޮށްލުމަށެވެ.