ރާއްޖޭގައި ތިބެގެން ހިލޭ މެޑިސިން ހެދޭނެގޮތް ހަމަޖެހިފައިވާތީ، ޑޮކްޓަރުން ބިނާކުރުމަށް ދައުލަތުން ކުރަންޖެހޭ ހޭދަ، އެތައް ގުނައެއް ކުޑަވެއްޖެ ކަމަށާއި މިހާރު ފަށާފައިވާ މެޑިސިން ޕްރޮގްރާމް އިތުރަށް ތަރައްޤީކޮށް، އެކި ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން އުފެއްދުމަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއިމެދު ދިވެހި ރައްޔިތުން މިހާރު ކުރާނެ، އެންމެ ފޮނި އުންމީދު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ މިރޭ ދަރުބާރުގޭގައި ބޭއްވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2019 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އުފެދިގެން އައީވެސް، ޞިއްޙީ ޚިދުމަތުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން ކަމަށެވެ. "ޤައުމީ ޔުނިވަރސިޓީގެ ބިންގަލަކީ، މީގެ 46 އަހަރު ކުރިން، 1973 ވަނަ އަހަރު އުފެއްދި، އެލައިޑް ހެލްތު ސަރވިސް ޓްރޭނިންގ ސެންޓަރ. އެހެންކަމުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް މީހުން ބިނާކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ މި ޔުނިވަރސިޓީ."
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މީހުން ބިނާކުރުމުގައި، ޤައުމީ ޔުނިވަރސިޓީން އަދާކުރަމުން އަންނަނީ، ވަރަށް އުންމީދީ ދައުރެއް ކަމަށާއި އެ ގޮތުން، މިދިއަ އަހަރުގެ ތެރޭގައި މެޑިކަލް ފެކަލްޓީއެއް ޤާއިމުކޮށް، މިހާރު 23 ދަރިވަރަކު އަންނަނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރަމުން ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ދެވަނަ ބެޗް ފެށިގެންދާއިރު، އިތުރު 30 ދަރިވަރުން ބައިވެރިވާނެ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
މުޅި ރާއްޖެއަށް މަތީ ތަޢުލީމް ފުޅާކުރުމަށް، މި ޔުނިވަރސިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން، އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. ރާއްޖޭގެ އުތުރާއި ދެކުނުގައި، މި ޔުނިވަރސިޓީގެ ކެމްޕަސްތައް މިހާރު ހުރީ ޤާއިމުކޮށްފައި. މިހާރު ކުރެވޭ އުންމީދަކީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، މި ތަޢުލީމީ ދަންމަރުގެ ހުޅުކޮޅެއް ދިއްލުން.
އެގޮތުން، ރާއްޖޭގެ މެދުގައި އޮތް ލ. އަތޮޅުގައި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިފަދަ ކެމްޕަސްތަކަކީ، ރާއްޖޭގެ ޞިނާޢަތްތައް ދިރުވައި އާލާކުރުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ތަންތަން.
މަސްވެރިކަމާއި ދަނޑުވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގެ ވަރަށް މުހިންމު، ޒަމާންވީ ދެ ޞިނާޢަތް. އެ ދެ ދާއިރާއިން ދިރާސާތައް ހެދުމަށް، ޔުނިވަރސިޓީގެ ކެމްޕަސްތަކުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަކީ، ޖަޒީރާވަންތަ ދިރިއުޅުމެއްގެ ތެރެއިން، ޢިލްމީ ހުނަރާއި، ފަންނުވެރިކަން ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެން.
ތަޢުލީމީ މައިދާނުގައި ކުރިއަރައިގެން ތިޔަ ދާ ހަލުވިމިނުގައި، ޙަޔާތުގެ އެހެން މައިދާންތަކުގައިވެސް ކުރިއަރައި ދިޔުމަށް، ތިޔަ ޒުވާން އަންހެނުންނަށް އަޅުގަނޑު މިރޭ އިލްތިމާސް ކުރަން. މި ރާއްޖޭގެ ސިޔާސީ މަސްރަޙަށް، އަދި ޤައުމުގެ މަތީ މަޤާމުތަކަށް، ތިޔަ ފަދަ ދިވެހި އަންހެނުންގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑު.
ތިޔަ ދަރިވަރުން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ އެއްކަމަކީ، މީހާގެ ކިބައިގައި ޙިކްމަތްތެރިކަން އުފަންވެގެން އަންނަނީ، އޭނާގެ ބުއްދިއާއި ވިސްނުން ތަރައްޤީ ކުރި މިންވަރަކުންކަން. ޔުނިވަރސިޓީން ތިޔަ ދަރިވަރުންނަށް ޢިލްމާއި ހުނަރު ދެވިދާނެ. އަދި ފުރުޞަތުތައްވެސް ފަހިކޮށްދެވިދާނެ.
ނަމަވެސް ބުއްދި ތަރައްޤީ ކުރުމަކީ، އެ ދަރިވަރެއްގެ އަމިއްލަ ޒިންމާއެއް. އިންސާނާގެ ޝަޚްޞިއްޔަތު ބިނާވެގެން އަންނަނީ، ލިބިހުރި ޢިލްމުގެ ބޭނުން ހިފާ ގޮތެއްގެ މަތީގައި. ތިޔައިގެ ތެރެއިން ކޮންމެ ދަރިވަރަކުވެސް، މިރެއިން ފެށިގެން ޢަޒުމް ކަނޑައަޅަންވީ، ތިމާ އުނގެނުނު ޢިލްމުގެ އެހީގައި، ތިމާގެ ކިބައިގައި މުޅިން އައު ޝަޚްޞިއްޔަތެއް އުފަން ކުރުވަން.
އެއީ އަނެކުންނަށް އޯގާތެރިވެ، ކަމޭހިތާ، އަދި އަނެކުންގެ އިޙްސާސްތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނަގާ ޝަޚްޞިއްޔަތެއް. ޙައްޤު ގޮތަކީ، އެންމެ ޢަދުލުވެރި ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރާ ޝަޚްޞިއްޔަތެއް. އެއީ، ކޮރަޕްޝަނާއި ޚިޔާނަތާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަ ޝަޚްޞިއްޔަތެއް.