ދިވެހި ޤައުމު މިއަދު އޮތް ޙާލާމެދު ވިސްނައި ފިކުރު ހިންގަން ފެށުމަށާއި ޤައުމަށްޓަކައި ތިމާއަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައި، އެކަމެއް ކޮށްދިނުމަށް އަވަސްވެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބަރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަަމަށް އެދިވަޑައިގަތީ މިރޭ ދަރުބާރުގޭގައި ބޭއްވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2019 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ތަޢުލީމީ ޙަޔާތެއް ނިންމައި، ދަރިވަރުން މިރޭ ދަސްވެނިވެގެން، ދެން ކުރިމަތިލާނީ، ފަންނީ ކޮންމެވެސް ދާއިރާއަކުން ޤައުމަށް ޚިދުމަތް ކުރުމަށް ކަމަށްވާއިރު އަޅުގަނޑުމެންގެ ތެރޭގައި ކިޔަވައިގެން، ސެޓްފިކެޓް ހާސިލުކޮށްފައި ތިބި މީހުން ވަރަށް ގިނަ ކަމަށާއި އަޅުގަނޑުމެންގެ ތެރޭގައި ނެތިގެން މިއުޅެނީ، ލިބިފައިވާ ޢިލްމާއި އެއްވަރަށް، ޙިކްމަތްތެރިކަމާއިއެކު ކަންކަން ކުރާނެ މީހުން ކަމަށެވެ.
"މިރޭ ތިޔަ ދަރިވަރުން މި މާލަމުން ނުކުމެގެންދާނީ، އެފަދަ ޝަޚްޞިއްޔަތަކަށް ތިމާގެ ޒަމީރު ބަދަލުކޮށްލުމަށް ބޭނުންވާ ދަހަނާ އަޅައި ތައްޔާރުވެގެން. އެ ދަހަނާއަކީ ތިއަ ދަރިވަރުން ހާސިލުކުރި ޢިލްމު. ކޮންމެ ދަރިވަރަކުވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ މިޞްރާބު ރަނގަޅުކޮށްލުމުން، ޤައުމުގެ މިޞްރާބުވެސް ރަނގަޅު މިޞްރާބަށް ބަދަލުވެގެންދާނެ."
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒު ކުރުމުގައި، ޤައުމީ ޔުނިވަރސިޓީއަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި މިރޭ ދަސްވެނިވާ ދަސްވެނީންގެ 78.2 އިންސައްތައަކީ، އަންހެނުން ކަމަށްވުމަކީ ވަރަށް އުފާކުރައްވާ އަދި ވަރަށް އުންމީދީ ކަމެއް ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ނިމިގެންދިއަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީވެސް އެންމެ ހަތަރު އަންހެން ބޭފުޅުން ކަމަށާއި އެއީ، މުޅި މަޖިލީހުގެ އެންމެ 4.5 އިންސައްތަ ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ރާއްޖޭގެ ހޭލުންތެރިކަމާއި ތަޢުލީމީ ޤާބިލުކަމަށް ބަލާއިރު، ސިޔާސީ މައިދާނުގައި އަންހެނުންގެ ޙިއްޞާ މިއަށްވުރެ އިތުރުވާންޖެހޭނެ. އެކަމަށް ފައްކާވެފައި ތިބި ދިވެހި އަންހެނުން ވަރަށް ގިނަ."
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
މި އުފާވެރި ޙަފްލާގައި އެއްޗެއް ދަންނަވަން ތެދުވެ ހުންނައިރު، ކުރިމަތިން މި ފެންނަނީ ވަރަށް އުޖާލާ އަދި އެހާމެ އުންމީދީ މޫނުތަކެއް. އެއީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާއާ، ބައްދަލުކުރެވޭ ކަމުގެ އުފާވެރިކަން. އެހެންކަމުން، ތިޔަ ހުރިހާ ދަރިވަރުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި މުބާރިކްބާދީ ދަންނަވަން.
ވަކީން ޚާއްޞަކޮށް، މިރޭ ދަސްވެނިވާ ދަރިވަރުންގެ ތެރެއިން، މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންނަށްވެސް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން. އަދި ތިޔަ ދަރިވަރުންނަށް ވަރަށް ބާއްޖަވެރި މުސްތަޤްބަލަކަށް އެދެން. ހަމައެފަދައިން، ދަރިވަރުންނަށް ޢިލްމު އުނގަންނައިދެއްވުމުގެ ބުރަ އުފުއްލަވަމުން ގެންދަވާ، އެންމެހައި އެދުރުންނަށް ޝުކުރު ދަންނަވަން.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، މި ރާއްޖޭގެ ތަޢުލީމީ ޙަޔާތުގެ ވަރަށް މުހިންމު މުއައްސަސާއެއް. ދިވެހި ދައުލަތުން ޚަރަދުކޮށްގެން ހިންގާ އެންމެ ބޮޑު ތަޢުލީމީ މުއައްސަސާ. މި ޔުނިވަރސިޓީ އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ އިންސާނީ ވަސީލަތްތައް ޤާއިމުކުރުން.
ދުނިޔެ ގަބޫލުކުރާ ފެންވަރުގެ، އަމިއްލަ ޢިލްމީ ޕްރޮގްރާމްތަކެއް، ރާއްޖޭގައި ތިބެގެން ފުރިހަމަ ކުރުމުގެ ފުރުޞަތު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަކީވެސް، މި ޔުނިވަރސިޓީގެ މުހިންމު އަމާޒެއް. މަތީ ތަޢުލީމުގެ ފުރުޞަތުތައް، މުޅި ރާއްޖެއަށް ފެތުރިގެންދާއިރު، މަތީ ތަޢުލީމުގެ މަތިވެރި ހަމަތަކާއި އުޞޫލުތައް ނަމޫނާ ކުރެވޭ ތަނަކަށް، މި ޔުނިވަރސިޓީ ވެގެންދާނެ.
މި ރާއްޖޭގައި މަތީ ތަޢުލީމް ފުޅާވެ ކުރިއަރަމުން އަންނަނީ، ވަރަށް ހަލުވި ދުވެއްޔެއްގައި. އެހެން ނަމަވެސް، ޢިލްމީ ދިރާސާތައް ހެދުމުގައި، އަޅުގަނޑުމެންގެ ދުވެލި ހުރީ، އެންމެ ރަނގަޅަށް ކަމަށް ގަބޫލެއް ނުކުރެވޭ. ރާއްޖޭގައި ހަދާފައި ހުރި، ޢިލްމީ ދިރާސާތައް އެކަށީގެންވާ ވަރަށްވުރެ މަދު. އަދި ދިވެހިބަހުން ހަދާފައި ހުރި ދިރާސާތައް އެއަށްވުރެ މަދު.
ޔުނިވަރސިޓީ މަރުޙަލާގެ އެންމެ މުހިންމު ކަމަކީ، ޢިލްމީ ދިރާސާތަކަށް އަމާޒު ހިފުން. އެފަދަ ދިރާސާތައް ހެދުމަށް، މިދިޔަ ފަސް އަހަރުގެ ތެރޭގައި، މި ޔުނިވަރސިޓީން ވަރަށް ބޮޑު އިސްކަމެއް ދީފައިވޭ. ވަކިން ޚާއްޞަކޮށް، 2017 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ތެވެލި" ކޮންފަރެންސަކީ، ބައިނަލްއަޤްވާމީ ދިރާސާތައްވެސް ފެނިގެންދާ މުހިންމު ކޮންފަރެންސެއް.
އެގޮތުން ވަރަށް މުހިންމު ދެ ދިރާސާއެއް މިހާރުވެސް ހަދަމުންދާކަން އަޅުގަނޑު ފާހަގަކޮށްލަން. އެއިން ކޮންމެ ދިރާސާއަކަށް ދައުލަތުގެ ބަޖެޓުން ވަނީ އެއް މިލިޔަން ރުފިޔާގެ އެހީއެއް ދީފައި. އަދި ހަމަ އެވަރުގެ އެހީއެއްގައި، އިތުރު ދިރާސާއެއް މިހާރު ވަނީ ހަދައި ނިންމާފައި.
ނަމަވެސް މިފަދަ ދިރާސާތައް ހެދުމުގެ މަޤްޞަދު ހާސިލުވާނީ، އެ ދިރާސާއަކާ ގުޅޭ، ސަރުކާރުގެ އިދާރާތަކަށް ހުށަހަޅައި، އެ ދިރާސާއަކުން ފާހަގަވި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކޮށްގެން. ޢިލްމީ ދިރާސާތަކަކީ، އެއިރެއްގެ ޙާލަތު އެންމެ ރަނގަޅަށް ވަޒަންކޮށް، ޤައުމީ މައްސަލަތައް ޙައްލުކުރުމުގެ ސިޔާސަތުތައް އެކަށައެޅުމަށް ބޭނުންކުރާ، އެންމެ އިތުބާރު ހުރި ވަސީލަތްތައް.
ޔުނިވަރސިޓީ ތަޢުލީމުގެ ބޭނުމަކީ، ހަމައެކަނި ދަރިވަރުންތަކެއް އުފެއްދުމެއް ނޫން. ޔުނިވަރސިޓީއަކީ ތަފާތު ދާއިރާތަކުގެ މުދައްރިސުން، އިންޖިނޭރުން، އާކިޓެކްޓުން، ނަރުހުންނާއި ޑޮކްޓަރުން، އަދި ޤާރީންނާއި، އިމާމުންނާއި، ނޫސްވެރިން ފަދަ ތަފާތު ފަންނުވެރިން އުފަންކުރުވާ ތަނެއް.