އަބަދުވެސް އިތުރު ކަންތައްތަކަކަށް ބޭނުންވެގެން ހުންނަން ޖެހުމަކީ އިންސާނުންގެ ތަބީޢަތެވެ. ތިމާއަށް ކިތަންމެ ގިނަ ނިޢްމަތްތަކެއް ﷲ ތަޢާލާ ދެއްވަވާފައިވީ ނަމަވެސް އަބަދުވެސް އުޅެން ޖެހޭނީ ކޮންމެވެސް ކަމެއް މަދުވާ ކަމުގެ އިހްޞާޞްތަކާއިއެކުގައެވެ. މިއީ އިންސާނުންގެ ޠަބީޢަތުގައި ﷲ ތަޢާލާ ލައްވަވާފައިވާ ސިފައެއް ކަމުގައިވެސް ބުނެވިދާނެއެވެ.
މައްސަލައަކަށް ވަނީ މި ސިފަ ހުރުމެއް ނޫނެވެ. އެކަމުގައި އަމަލުކުރެވޭ ގޮތެވެ. ތިމާއަށް މަދުވާބައި އަޅައި ހިތް ފުރައިލުމަށް އަމަލުކުރެވޭ ގޮތެވެ. އެކަމުގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލު ނުކުރެވޭ ކަމެވެ.
މިކަން ދިރާސާ ކުރިކުރުމުން އެނގުނީ މަދުވާބައި ކަމަށް މި އިޙްޞާޞް ކުރެވެނީ ﷲ ތަޢާލާ އާއި ތިމާ އާއި ދެމެދުގައި އޮންނަން ޖެހޭ ގުޅުމުގެ ބައިކަމެވެ. އަޅުކަމުގެ ބައި ކަމެވެ. ރޫޙާނީ ގުޅުމުގެ ބައިކަމެވެ. ސަބަބަކީ ﷲ ތަޢާލާ އަނަގަވާފައިވާ ފަދައިން އަޅުކަންކުރާ މީހުން، ހިތް ނުފުރިގެން، އިތުރު ކަންތައްތައް ނުކުރެވިގެން އެކަމާއިމެދު ކަންބޮޑުވެގެން އުޅެންޖެހުން ވަރަށް ބޮޑަށް މަދުކަމުންނެވެ.
ބައެއް މީހުންނަށް މިކަމުގައި އަމަލުކުރެވޭ ގޮތަކީ ބައެއް މަދުވާކަމަށް އިޙްޞާޞް ކުރެވުމުން ލޮލަށް ފެންނަން ހުންނަ ދުނިޔަވީ ކަންކަމާއި ދިމާއަށް ދެވެނީއެވެ. އެކަންކަމުން އުފާ ހާޞިލުކޮށް ހިތް ފުރައިލަނީއެވެ. ނަމަވެސް މައްސަލައަކީ މިގޮތަށް ހިތް ފުރަން މަސައްކަތް ކުރާ މީހުންގެ ހިތް ދުވަހަކުވެސް ނުފުރޭކަމެވެ. ކިތަންމެ ވަރަކަށް އުފާކުރި ނަމަވެސް ހަމަޖެހުން ނުލިބޭ ކަމެވެ.
މިކަމުގެ ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ހިތް ފުރައިލުމަށްޓަކައި މަސްތުވާތަކެތި ބޭނުންކޮށް ބަނގުރާ ބޯ މީހުން އެބަ އުޅެއެވެ. އެފަދަ މީހުން އެކަމެއް ކުރަމުން ގޮސް ހޭ ބުއްދި ފިލާވަރަށް އެކަން އެބަ ކުރެއެވެ. ނަމަވެސް ލިބޭ އެއްވެސް ހައްލެއް އޮންނަކަމަކަށް ނުވެއެވެ. ނިދީން ހޭލެވުމާއިއެކު އޮންނަނީ ހަމަ އެކަން ކުރަން ޖެހިފައެވެ. އެހެންކަމުން އެއީ ކަމުގެ ހައްލު ނޫންކަން އެކަން ކުރާ މީހުންނަށްވެސް އެނގެއެވެ.
ވީމާ މިކަމުންވެސް އެނގެނީ ދުނިޔަވީ އުފާތަކުން ހިތް ފުރައި ނުލެވޭ ކަމެވެ. އެކަމަށް ބޭނުންވަނީ ރޫޙާނީ ފަރުވާ ކަމެވެ. އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ރޫޙާނީ ފަރުވާއަކީ ﷲ ތަޢާލާ އާއި އެމީހަކާއި ދެމެދު އޮންނަ ގުޅުމެވެ. އެ ގުޅުން ވަރުގަދަކުރި ވަރަކަށް ދާނީ ހިތްފުރެމުންނެވެ. އެގުޅުން ވަރުގަދަކުރަން ކުރަންޖެހޭ ކަމަކީ ނަމާދުކުރުމާއި އެހެނިހެން އަޅުކަން ކުރުން އިތުރުކުރުމެވެ. ކީރިތި ޤްރްއާން ކިޔެވުމާއި މުރާޖާ ކުރުން ގިނަކުރުމެވެ. ޛިކްރްކުރުން ގިނަ ކުރުމެވެ.
މިކަންކަން ކުރާ މީހާ އަބަދުވެސް ހުންނަނީ ހިތްހަމަޖެހިގެންނެވެ. އުފަލުގައެވެ. ނަމަވެސް ހިތާމައަކީ މިކަންކަން ޤަބޫލު ނުކުރެވި ދުނިޔަވީ އެދުންތައް ހާޞިލުކޮށްގެން ހިތް ފުރަން މަސައްކަތް ކުރެވޭ ކަމެވެ. އެއީ ޙައްލެއް ނޫންކަން އެނގޭއިރުވެސް މެއެވެ.
އަދިވެސް އިތުރު މިސާލެއް ބުނެފާނަމެވެ. އަމިއްލަ އަނބިދަރިންގެ ކިބައިން ހިތްފުރައި ގެވެށި ދިރިއުޅުމެއް އުޅޭ މީހާ އަބަދުވެސް ހުންނާނީ އުފަލުންނެވެ. ގެއިން ބޭރުން އުފާތައް ހޯދަން މަސައްކަތްކުރާ މީހުންނަށް އަބަދުވެސް އުޅެން ޖެހޭނީ ހަމަ ހިތް ނުފުރިގެންނެވެ. އަބަދުވެސް އައު، އިތުރު ކަންތައްތަކަށް ބޭނުންވެގެންނެވެ. ތަފާތަކީ ހަމަ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރުމާއި ނުކުރުމުގެ ތަފާތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން