އެބޭފުޅެއްގެ އޮފީހުގައި ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުވާނަމަ އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނެސްދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި
ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުންނަށް ވެސް، ސަރުކާރުން މިއަދު ހުޅުވައިދިން ދޮރުން ވަދެ ކަންކަން ރިޕޯޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިކަމަށް ގޮވާލެއްވީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން އިފްތިތާޙުކޮށްދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުން:
ކޮރަޕްޝަން ހުއްޓުވުމުގައި، ރައްޔިތުންގެ ބައިވެރިވުމާއި ޙިއްސާ އިތުރުކުރުމަށްޓަކައި، ސަރުކާރުން މި ޤާއިމުކޮށްދިނީ، ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާނެ ވެބްޕޯޓަލްއެއް. މި ޕޯޓަލް މެދުވެރިކޮށް ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅާއިރު، މައްސަލަ ހުށަހަޅަނީ ކާކުކަން ބުނެދޭކަށް ނުޖެހޭނެ. އަދި މައްސަލަ ހުށަހެޅީ ކާކުކަން އެނގިދާނެތީ، ބިރުގަނެ ޖެހިލުންވާކަށްވެސް ނުޖެހޭނެ. އެހެންކަމުން މިއީ، ވިސްލްބްލޯވިންގ އަށް މަގުފަހިކޮށްދޭނެ، މުހިންމު ވަސީލަތަކަށް ވާނެކަމަށް، އަޅުގަނޑު އުންމީދުކުރަން.
ޢާންމު ރައްޔިތުންވެސް، މި ޕޯޓަލް މެދުވެރިކޮށް، ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، އަޅުގަނޑު އިލްތިމާސް ކުރަން. ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ޤައުމު އިޞްލާޙުކޮށް، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރެވޭނީ، ތިޔަބޭފުޅުންގެވެސް ވަރަށްބޮޑު އެއްބާރުލެއްވުމެއް ލިބިގެން.
ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅުކުރައްވަންވީ، ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ފެށޭނީ، އެބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަން. އެކަމަށް ބޭނުންވަނީ ކޮންމެ ބޭފުޅެއްގެ އިޚްލާސްތެރިކަން. ޒަމީރުގެ ތެދުވެރިކަން. މިއަދަކީ ދިވެހި ކޮންމެ ފަރުދަކު އެކަމަށް ފަށައިގަންނަ ދުވަހެއް ކަމުގައި ހައްދަވަމާ ހިންގަވާ!
ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނަޒާހަތްތެރި ތަންތަނަށް، އެ މުއައްސަސާތައް ހެދުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު. ދައުލަތުގެ މުއައްސަސާތައް ހިންގުން އިންތިޒާމުކުރެވިފައި ހުންނާންވާނީ ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތަށް.
އެ ތަންތަނުން ޚިދުމަތްތައް ދޭންވާނީ ދުރާލައި ހަމަޖެހި، ޢާންމުކުރެވިފައި ހުންނަ އުސޫލުތަކުގެ ތެރެއިން. އެ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި، ކޮރަޕްޝަނާމެދު މި ސަރުކާރުން ގެންގުޅޭނެ ހަމައެކަނި ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް".
މަތީ މަޤާމުތަކަށް އައިސް، ދައުލަތް ހިންގުމުގެ ޒިންމާ އުފުލާ މީހުންނަކީ، ކޮރަޕްޝަނާއި، ވައްކަމާއި، ޚިޔާނާތަށް ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބައެއް ކަމަށްވާނަމަ، ނާޖާއިޒު ގޮތެއްގައި ސަރުކާރުގެ ތެރެއިން ކަންކަން ކުރަން އެންމެ ރައްޔިތަކުވެސް މަސައްކަތެއް ނުކުރާނެ.