ކޮރަޕްޝަނާއި ދެކޮޅަށް މިއަދު މި ފަށްޓަވާ މަސައްކަތަކީ، ހެޔޮ ވެރިކަމަކަށް މި ރާއްޖެ އަނބުރާ ގެނައުމަށް، މީގެ އެތައް އަހަރެއް ކުރިން ފެށިގެން، އަޅުގަނޑުމެން ދައްކަން ފެށި ވާހަކަތަކުގެ ޢަމަލީ ބައި ކަމަށާއި އެއީ، ވައްކަމާއި، ކޮރަޕްޝަނާއި، ފަސާދައާއި، ޚިޔާނާތުން ދައުލަތުގެ މުއައްސަސާތައް ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިމޭރުމުން ވިދާޅުވީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން އިފްތިތާޙުކޮށްދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުން
މިއަދު މި ފަށާ "ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ކެމްޕޭނަކީ، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި، ކޮރަޕްޝަނާއި ވައްކަމާއި، ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއްވިޔަސް، ތަހަމަލުނުކުރާނެ ކަމުގެ ޔަޤީންކަން، މުޅި ރާއްޖެއަށް ހާމަކޮށްދޭ ސިޔާސަތެއް. އެކަން ސާބިތުކޮށްދިނުމުގެ ގޮތުން މިހާރުވެސް، މި ސަރުކާރުން ވާނީ، ނަޒާހަތްތެރިކަމުގެ ބައެއް ސިޔާސަތުތައް ތަންފީޒުކޮށްފައި.
ވައްކަމާއި ކޮރަޕްޝަނާ ދެކޮޅުގެ ސިޔާސަތުގެ ތެރެއިން، އެންމެ މުހިންމު އެއްކަމަކީ، ޚިޔާނާތާއި މަނީލޯންޑަރިންގެ ސަބަބުން، ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް އަނބުރާ ހޯދުމުގެ މަސައްކަތް. އެކަމަށްޓަކައި އުފެއްދި ކޮމިޝަންގެ މަސައްކަތްތައްވެސް މިހާރު ވަނީ ހިނގަން ފަށާފައި.
ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވި ފަދައިން، ކޮރަޕްޝަނާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް، ޤާނޫނުލްޢުޤޫބާތަށް އިތުރުކުރުމުގެ ބިލް، މިހާރުވާނީ މަޖިލީހަށް ފޮނުވާފައި. އެ ބިލް އެކުލަވައިލާފައިވާނީ، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން، ކުށްކުރާ ޙާލަތުގައި ލިބޭ އަދަބު ބޮޑުވާގޮތަށް.
ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ މީހުންނަށް ޤާނޫނީ ޙިމާޔަތް ދިނުމަކީވެސް، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އެހެންކަމުން، ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރުމަށް ބާރުއަޅައި، އެފަދަ ޢަމަލުތައް ހާމަކުރާ މީހުން ޙިމާޔަތްކޮށްދިނުމަށް، އެކުލަވައިލާފައިވާ ބިލްވެސް މިހާރު އޮންނާނީ ރައްޔިތުންގެ މަޖިލީހުގައި.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދުވަހު ވެސް، ކޮރަޕްޝަން ހުއްޓުވުމުގެ ސިޔާސަތުތަކެއް، އިޢުލާނު ކުރެއްވި ކަމަށާއި އޭގެތެރެއިން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅުއްވި އެއްކަމަކީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުދަލާއި މާލީ ބަޔާން، ވަކި އުޞޫލަކުން ހާމަކުރުންކަމަށެވެ. އަދި އެކަން ކުރަން މިހާރު ވަނީ ފެށިފައި ކަމަށާއި ކުރިމަގުގައި މިކަން އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.