މާލެ އަތޮޅު ހުރާއަކީ މާލެ އާއި ވަރަށް ކައިރީގައި އޮތް ރަށެއް ނަމަވެސް އެރަށަކީ ވެސް ވަރަށް ގިނަ ކަންތައްތަކަކަށް ބޭނުންވެފައި، އަދި ދިގު އިންތިޒާރެއް ކުރަން ޖެހިފައިވާ ރަށަކަށްވާތީ ރަށަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ހިއްޞާކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުކުރުމުގައި ރަށުގެ ކައުންސިލުން ރައީސް އިބްރާހީމް މުޙައްމްދު ޞާލިޙް އާއި ހިއްޞާކުރި ކަންކަމުގެ ތެރޭގައި ރަށުގެ ކައުންސިލް އިދާރާއަށާއި ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި އެރަށަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތައް ފާހަގަކުރުމުގެ އިތުރުން ވަނީ މިހާރު ރަށުގައި ހިއްކަމުންދާ ސަރަޙައްދު ވީ އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށްވެސްވަނީ އެދިފައެވެ.
މިކަންކްމުގެ އިތުރުން ރަށުގެ ބަނދަރުގެ ތޮއްޖެހުމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާއަށް އޮޅުންފިލުއްވައި ދެއްވައި ބަނދަރުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ވެސް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރައްވައިފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރާގެ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާއިގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.