ވިޔަފާރި ކުރިނާރަނީ އަނބިމީހާގެ ވިހަކަމުން ކަމަށް ބަލައި ވަރިކުރި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ވިޔަފާރި ކުރިނާރަނީ އަނބިމީހާގެ ވިހަކަމުން ކަމަށް ބަލައި ވަރިކުރި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

އެދެމީހުންވެސް ކައިވެނިކުރީ ލޯބިވެގެން އެތައް ދުވަހަކު އެކުގައި އުޅެފައެވެ. ކައިވެންޏަށް 3 ވަނަ މަހުގައި ވަރިކޮށް ގެއިން ނެރެ ފޮނުވައިލީ އޭނާގެ ވިޔަފާރި ކުރިނުއަރަނީ އަނބިމީހާގެ ކިބައިގައި ހުރި ވިހަ ކަމަކުން ކަމަށް ބަލައެވެ.  

އަހަރުދުވަސްފަހެވެ. ބޭންކަށް ދައްކަންޖެހޭ ފައިސާ ނުދެއްކިގެން އެހީތެރިކަން ހޯދަން އެކުވެރިއެއްގެ އޮފީހަށް ދިއައިރު އެކުވެރިޔާ އޭނާގެ އޮފީހުގައި އިނީ އޭނާ ވަރިކޮށް ފޮނުވައިލި އަނބިމީހާ އާއިއެކުގައެވެ. އޭނާއަށް ތަޢާރަފްކޮށްދިނީ އޭނާގެ އަނބިމީހާގެ ގޮތުގައެވެ.  

އެކުވެރިޔާ ބުންޏެވެ. "އަހުރެމެންގެ ކައިވެންޏަށްފަހު ކުރިއަށްވުރެ މާބޮޑަށް ކުރިއަރައިފިއެވެ. އެއީ އަނބިމީހާގެ ވިސްނުން ތޫނުވެފައި ހުޝިޔާރުކަމުންނެވެ. އަހުރެންނަށް ހެދެން އުޅޭ ބޮޑެތި ގޯސްތައް ފާހަގަކޮށް ބުނެދޭތީއެވެ. ތިބާ އަދިވެސް ތިއަހުރީ ކައިވެނިނުކޮށެވެ. އަންތބަކަށް އަހުރެންގެ އަނބިމީހާ ފަދަ ރަނގަޅު އަންހެނަކު ހޯދާށެވެ. އެއިރުން ވިޔަފާރި ބޮޑުތަނުން ކުރިއަރައިގެންދާނެއެވެ."

ޖަވާބުދޭން ބުނާނެ އެއްޗެއް ނުއެނގި އިންނަންފެށީމާ އަނބިމީހާ ބުންޏެވެ. "ތިއައީ ކިތަންމެ ގާތް އެކުވެރިންނަމަވެސް ތިއޮތީ ފިރިމީހާއަށް ނުއެނގިފައިތާއެވެ. ސުވާލުނުކުރާތީ ކުރިން ބުނެނުދެވި އޮތީއެވެ. މިހާރު މިބުނެދެނީއެވެ. ތިއައީ އަހުރެންގެ އަލަތު ފިރިމީހާއެވެ. ކައިވެންޏަށް 3 މަހުގައި ވަރިކޮށްލީ އޭނާގެ ވިޔަފާރި ކުރިނުއަރަނީ އަހުރެންގެ ވިހަކަމުން ކަމަށްބުނެފައެވެ. އެހެންވީމާ އަހުރެންނަށް ވިސްނެނީ އަހުރެންގެ ކިބައިގައި އެއިރު ވިހަކަންހުރީ މީނައާއި ކައިވެނިކުރުމުން ކަމެވެ. ވަރިކުރުމުން ވިހަކަންފިލައިގެންދިއައީ ކަމަށެވެ."  

މިހާރުގެ ފިރިމީހާ ބުންޏެވެ. "ހަސީނާ ކޮންމެ ކަމަކުންވެސް ޙުއްޖަތެއް އެބަ ނެރެމުތާއެވެ! ތިއަ ދެއްކި ޙުއްޖަތާއިމެދު ބުނާނެ އެއްޗެއް ނެތެވެ. ކޮންމެ ގޮތެއްވިޔަސް އަހުރެމެންނަކީ އެކުވެރިންނެވެ. އެކުވެރިޔާ އައި ބޭނުން ފުއްދައިދެމާ ހިނގާށެވެ!" އަނބިމީހާގެ ޖަވާބަކަށްވީ ރަހުނެއް ބަހައްޓާފައި އެހީތެރިވުމެވެ. ނޫންނަމަ ޞަދަޤާތަކަށް ހެދުމެވެ. ފިރިމީހާ އިޚްތިޔާރުކުރީ އެކުވެރިޔާގެ ގެ ރަޙުނުކޮށްފައި އެހީތެރިވުމަށެވެ. ނޫންނަމަ އެފަދަ އެހެން ހަރު މުދަލެއް ރަޙުނުކުރުމެވެ.  

އެކަން ކުރެވޭކަށް ނެތެވެ. ގެއާއި އަތުގައި ހުރި ހުރިހާ ހަރުމުދަލެއް ވަނީ ބޭންކަށް ރަޙުނުކޮށްފައެވެ. އެހެންވެ ޞަދަޤާތެއްގެ ގޮތުގައި ކުޑައެހީއެއްވެދީފައި ނިންމައިލީއެވެ.  

އޭނާ ނުކުމެގެން ދިއުމުން ފިރިމީހާ އަނބިމީހާއަށް ބުންޏެވެ. "މިއަދުވެސް ތިއަ ސަލާމަތްކޮށްދިނީ ހާދަގިނަ ފައިސާއެކެވެ. ރަޙުނެއްގެ މަތިން ކުރިން ނުވެސް ވިސްނަމެވެ. ނަމަވެސް ތިބާގެ ބަސް އަހުރެން ޤަބޫލުކުރީ ތިބާގެ ބަހުގައި ބުރަދަނެއްހުރިކަން ވިސްނުމުންނެވެ."  

މިއީ އަޅުގަނޑު ކިޔާފައިވާ ވާކައެކެވެ. މިވާހަކައިން އަޅުގަނޑަށް ލިބުނު ފިލާވަޅު ވަރަށް ބޮޑެވެ. އެންމެ ޚާއްޞަކަމެއްގެ ގޮތުން ފާހަގަކޮށްލާނީ ހެޔޮލަފާ އަންތބަކު ލިބުމުންވެސް އަގުވަޒަންނުކޮށް ނިކަމެތިކޮށްލުމުން ލިބޭ ދެރައާއި އަނބިމީހާގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމުން ކުރާ ބޮޑު ފައިދާއެވެ.

 

- ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން