ގޭގަ ބަރަކާތް ކެނޑިގެންދާ ބައެއް ސަބަބުތަކާ އެކަމުން ލިބޭ ދެރައާ ސަލާމަތްކަން ހޯދޭނެ ގޮތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 1ސ
ގޭގަ ބަރަކާތް ކެނޑިގެންދާ ބައެއް ސަބަބުތަކާ އެކަމުން ލިބޭ ދެރައާ ސަލާމަތްކަން ހޯދޭނެ ގޮތް!: މުފްތީ މެންކް

މަރްޔަމް ސާޖިދާ 


އަޅުގަނޑުމެން ނުހަނު ބުރަ މަސައްކަތާއި، އެތައް ޚަރަދެއްކޮށް އަޅުގަނޑުމެން އުޅޭނެ ގެއެއް ބިނާކުރަނީ އެތައް ފޮނި އުންމީދަކާއި އެކުގައެވެ. އަޅުގަނޑުމެންގެ ގޯތިގެދޮރަކީ ބަރަކާތް ލެއްވިގެންވާ ތަނެއްކަމުގައި ވުމަށް އަޅުގަނޑުމެން އެންމެންވެސް އެދެމުއެވެ. ބަރަކާތަކީ މަދު އެތިކޮޅަކުން ގިނަ ކަންތައްތަކެއް ފުދިގެންދިއުމެވެ.  

ގެއެއްގައި ބަރަކާތް ލައްވައިފިނަމަ، އާދައިގެ މުސާރައަކުން ހުރިހާ ޚަރަދެއް ފޫބެދި، އެންމެ ގަޑިއިރެއްގެ މަސައްކަތުން މުޅި ދުވަހުގެ މަސައްކަތް ނިންމާލެވި، އާއިލާގެ މެދުގައި ލޯތްބާއި އޯގާތެރިކަން އާލާވެގެންދެއެވެ. ނަމަވެސް، އަޅުގަނޑުމެންނަށް އެއީ މާބޮޑު ކަމެއް ކަމުގައި ހީނުވެ، އަޅާނުލާ ދޫކޮށްލެވޭ ބައެއް ކަންތައްތަކުގެ ސަބަބުން ގޭގެ މާޙައުލުން މަޑުމަޑުން ބަރަކާތް ކެނޑިގެންދެއެވެ.

ރަޙްމަތުގެ މަލާއިކަތުން ވަނުމަށް ހުރަސްއެޅޭ ތަކެތި ގޭގައި ބެހެއްޓުން: 

ރަޙްމަތުގެ މަލާއިކަތުންނަކީ އަމާންކަމާއި، ރައްކާތެރިކަމާއި، ބަރަކާތް ހިއްޕަވައިގެން ގެތަކަށް ވަދެވަޑައިގަންނަވާ ވަރަށް ޠާހިރު މަޚްލޫޤުންނެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން އިނގޭ ގޮތުގައި، ފުރާނަހުރި ތަކެތީގެ (އިންސާނުންނާއި ޖަނަވާރުންގެ) ފުރިހަމަ ސޫރަ ނުވަތަ ބުދު ފަދަ ތަކެތި ފެންނަން ހުންނަ ގެތަކަށާއި، ކުއްތާ ގެންގުޅޭ ގެތަކަށް ރަޙްމަތުގެ މަލާއިކަތުން ނުވަންނަވާނެއެވެ. އެފަދަ ތަކެތި ގޭގެ ފާރުތަކުގައާއި މުހިންމު ތަންތަނުގައި ބެހެއްޓުމުން، މަލާއިކަތުން ދޮރުމަތިން އެނބުރި ވަޑައިގަންނަވައެވެ. އަދި މަލާއިކަތުންނާއެކު ގެންނަވާ ބަރަކާތްވެސް ގެއިން ބޭރުވެގެންދެއެވެ.  

އެހެންކަމުން، އެއީ އަޅުގަނޑުމެން ލޯބިވާ އާއިލާ މެންބަރެއްގެ ފޮޓޯ ނުވަތަ، ދަރިފުޅު ލޯބިކުރާ ކުޅޭ އެއްޗެއް ކަމުގައި ވީނަމަވެސް، ގޭގެ ފާރުތަކާއި، އެހެނިހެންތަންތާނގައި ހާމައަށް ފެންނަން ހުންނަހެން ނުބަހައްޓާށެވެ.  

އޭގެ ބަދަލުގައި، އަރަބި ކެލިގްރަފީއެއް، ނުވަތަ ޤުދުރަތީ މަންޒަރެއް ދައްކުވައިދޭ ތަސްވީރެއް ނުވަތަ ގަހެއް ފަދަ އެއްޗެއް، ގޭގެ މާހައުލަށް ރީތިކަން ގެނެސްދިނުމަށް ބޭނުންކުރާށެވެ. 

ގޭތެރޭގެ ސާފުތާހިރުކަމަށް ފަރުވާކުޑަކުރުމާއި ތަރުތީބެއް ނެތުން: 

ގޭގައި ބަރަކާތްލެއްވުމަށް އެދޭނަމަ ގޭތެރޭގެ ސާފުތާހިރުކަމާއި ތަރުތީބަށް ސަމާލުކަން ދެއްވާށެވެ. އިސްލާމްދީނުގައި ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. ގޭތެރެ ހަޑިމުޑުދާރުކޮށް، ކުނިބުނި ގިނަވެ، ތަރުތީބެއް ނެތި ތަކެތި އުކާލެވިފައި ހުރުމަކީ ރަޙްމަތުގެ މަލާއިކަތުން އެ ގެއަކާ ދުރުހެލިވާ ސަބަބެކެވެ. އޭގެ ބަދަލުގައި ޝައިޠާނާގެ އުނދަގޫތަކަށް އެ ގެއަކުން ޖާގަ ލިބިގެންދެއެވެ. އަދި ހަމައެއާއެކު، ގެއަކީ އަގުބޮޑެތި ތަކެތި ހުރި ތަނަކަށް ނުވިޔަސް، ސާފުތާހިރުކޮށް ތަރުތީބުން ބެލެހެއްޓުމަކީ އެ ގޭގެ އަހުލުވެރިންގެ ނަފްސާނީ ހަމަޖެހުމަށާއި، އަޅުކަންކުރުމަށް މަގުފަހިވެ، ގޭތެރެއަށް ބަރަކާތް ވަންނަ ކަމެކެވެ. 

ޑިވައިސްތަކާ ދުރުހެލިނުވުން (މޯބައިލް ފޯނާއި ސްކްރީންތަކަށް ދެވިހިފުން):

ސްމާޓްފޯނާއި ޓީވީ ފަދަ ޑިވައިސްތަކާ ދުރުހެލިނުވެ، އަބަދު އޭގައި މަޝްޣޫލުވެފައި ތިބުމަކީ ގޭތެރެއިން ބަރަކާތް ކެނޑިގެންދާ ވަރަށް ބޮޑު ސަބަބެކެވެ. އެއް ގެއެއްގައި އުޅޭއިރުވެސް ކޮންމެ މީހަކު އަމިއްލަ ސްކްރީނަކަށް ގެއްލިފައި ތިބުމުގެ ސަބަބުން އާއިލާގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި، މުޢާމަލާތް ކެނޑި، ގޭގެ ހަމަޖެހުން ގެއްލެއެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާއާއި ބޭކާރު ކަންކަމުގައި ގިނަ ވަގުތު ހޭދަވުމުން ވަގުތުގެ ބަރަކާތް ކެނޑި، ނަމާދަށާއި ޤުރުއާން ކިޔެވުމަށް ފަރުވާކުޑަކުރެވި، ޑިވައިސްތަކުގެ ޒަރީޢާއިން ގޭތެރެއަށް ނޭދެވޭ މަންޒަރުތަކާއި ޣީބަބުނުން ފަދަ ފާފަތައް ވަދެ، ރަޙްމަތުގެ މަލާއިކަތުން އެ ގެއަކާ ދުރުހެލިވެއެވެ. އެހެންކަމުން، ޚާއްޞަކޮށް ކާގަޑިތަކުގައާއި ނިދުމުގެ ކުރިން ފޯނުތަކާ ދުރުހެލިވެ، އާއިލާއާއެކު ވަގުތު ހޭދަކޮށް، ﷲ ހަނދުމަކުރުމަށް ވަގުތު ދިނުމަކީ ގެއަށް އަލުން ބަރަކާތް ގެނައުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

ބޭރުފުށުގެ ސާފުތާހިރުކަމާއެކު އެތެރެފުށް (ހިތް) ސާފުނުކުރުން: 

ގޭތެރެ ކިތަންމެ ރީތިކޮށް، ސާފުތާހިރުކޮށް ބެހެއްޓި ނަމަވެސް، އެ ގޭގައި ދިރިއުޅޭ މީހުންގެ ހިތްތައް ސާފުނުވާނަމަ ބަރަކާތް ދެމިނޯންނާނެއެވެ. ބޭރުފުށުގެ ސާފުތާހިރުކަމުގެ ބޭނުމަކީ އެތެރެފުށުގެ (ހިތާއި ރޫޙުގެ) ޠާހިރުކަމަށް މަގުފަހިކުރުމެވެ. ހިތުގައި ޙަސަދައާއި، ރުޅިވެރިކަމާއި، ދުނިޔެވީ ދަހިވެތިކަން އުފެދިފައިވާނަމަ، އެ ގޭތެރޭގެ އަމާންކަން ގެއްލިދެއެވެ. އިޚްލާޞްތެރިކަމާއެކު ބޭރުފުށާއި އެތެރެފުށް ސާފުކޮށްފިނަމަ، އާދައިގެ ކުޑަ ގެއެއްވެސް އަމާން،ހަމަޖެހޭ އުފާވެރި ތަނަކަށް ބަދަލުވެގެންދެއެވެ. 

ގެއެއްގައި ބަރަކާތް ލެއްވުމަކީ އެ ގޭގެ ބޮޑުމިނަކާ ނުވަތަ ގޭގައި ހުރި އަގުބޮޑު މުދަލަކާ ގުޅިފައިވާ ކަމެއް ނޫނެވެ. އެހެނަސް، އެއީ އެ ގޭގެ އަހުލުވެރިން ﷲ އާ އޮންނަ ގުޅުން ވަރުގަދަކޮށް، ޙަލާލު ގޮތުގައި ދިރިއުޅުން ބައްޓަންކޮށް، ބޭރުފުށާއި އެތެރެފުށް ޠާހިރުކޮށް ބެހެއްޓުމުގެ ނަތީޖާއެވެ. 

ގޭތެރޭގައި ކުރެވޭ މިފަދަ ކުދިކުދި ކަންކަމަކީ އާދައިގެ ކަންކަން ކަމުގައި ދެކި އިހުމާލުނުވާށެވެ. އެހެނީ ގެއިން ބަރަކާތް ކެނޑިގެންދަނީ އެއްފަހަރާ ބޮޑު ކަމެއް ދިމާވެގެނެއް ނޫނެވެ. އޭގެ ބަދަލުގައި ދުވަހުން ދުވަހަށް އަޅުގަނޑުމެންނަށް ފަރުވާކުޑަކޮށްލެވޭ މިފަދަ ކަންކަމުގެ ސަބަބުން މަޑުމަޑުންނެވެ.

 

- މުފްތީ މެންކްގެ ދަރުސަކުން 

- މިއަދުނޫސް

މިއަދު އޮންލައިން