ޢާއިޝަތު ރަފާޙް ޢަލީ
ތިބާއަށް މައްސަލަތަކެއް ދިމާވެފައިވުމަކީ ތިބާ ޚާއްޞަވާ ކަމެއް ނޫނެވެ.
لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ ﴿٤﴾
މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ. (4)
އަހަރެމެން އެންމެންނަށްވެސް މައްސަލަތައް ކުރިމަތިވެއެވެ. ހިނިތުންވެފައި ހުންނަ މީހާއާއި، ރޯން ހުންނަ މީހާ، މި ދެމީހުންނަށްވެސް ދިރިއުޅުމުގައި މައްސަލަތައް ކުރިމަތިވެއެވެ. އޮންލައިންކޮށް، ފިލްޓަރުކޮށްފައިވާ އުފާވެރި ފޮޓޯތައް ނަގައި، މިލިއަނުން ފޮލޯވަރުން ތިބޭ މަޝްހޫރު މީހާއާއި، އެއްވެސް މީހަކަށް ނޭނގޭ އާދައިގެ މީހާ، މި ދެމީހުންނަށްވެސް މައްސަލަތައް ކުރިމަތިވެއެވެ. މި ދެމީހުންގެވެސް ނަފްސާނީ އަސަރުތަކާއި (ޓްރޯމާ) ހިތި ތަޖުރިބާތައް ހުރެއެވެ.
ތިބާއަށް އެކަން ނުފެނުމަކީ، އެކަން ނެތްކަމުގެ ހެއްކެއް ނޫނެވެ. އެއީ ކާމިޔާބީއެއް ނޫނެވެ. ނަމަވެސް، އަމިއްލަ ނަފްސުގެ އެތެރެއިން، އަހަރެންގެ ޙަޔާތުގައި ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ސަމާލުކަން އަނބުރާލުމުގެ ޤާބިލުކަން ހޯދުމެވެ. ﷲ އަހަންނަށް ނިޢުމަތް ދެއްވީ ކޮން ކަމެއްގައި ހެއްޔެވެ؟ އަދި އެކަން ހަނދާން ކުރުމެވެ.
ޙަޤީޤަތުގައި، މާޒީގައި ހިނގާފައިވާ ނުބައި ކަންތައްތައް އަހަރެމެން ހަނދާން ކުރަންޖެހެއެވެ. ނަމަވެސް އެ ކަންކަން ހަނދާން ކުރަންޖެހޭ ސަބަބަކީ، އެ ހުރިހާ ކަމަކުން ﷲ އަހަރެމެން ސަލާމަތްކުރައްވައި ކުރިއަށް ގެންދެވި ގޮތް ހަނދާން ކުރުމަށެވެ. މިތަނުގައި އުނގަންނައިދެނީ އެކަމެވެ.
ފަހެ، ތިބާއަށް މިކަން ވިސްނިއްޖެނަމަ، މިހާރު ތިބާ ތިޔަހުރީ މިހާރުގެ ވަގުތުގައި ދިރިއުޅެން ތައްޔާރަށެވެ. އެހެނީ، ގިނަ ބަޔަކަށް މާޒީގެ ތެރޭގައި ދިރިއުޅުމުން ނުކުމެވޭ ގޮތެއް ނުވެއެވެ. އެމީހުން އަބަދުވެސް މާޒީގެ ވާހަކަތައް ދައްކައެވެ. އެމީހުން ތިބީ އެކަމުގެ ތެރޭގައި ތާށިވެފައެވެ.
މި އާޔަތްތަކުގައި ﷲ އެންމެ ފުރަތަމަ ކުރައްވާ ކަމަކީ، ޖީލުތަކަކަށް ދެމިގެންދިޔަ ހިތްދަތި މާޒީއެއްގައި ދިރިއުޅެމުންދިޔަ މި މީހުންނަށް، އެންމެ ޖުމްލައަކުން އެ މާޒީން ނުކުތުމަށް އެހީތެރިވެދެއްވުމެވެ. ހަމަ އެންމެ ޖުމްލައަކުންނެވެ.
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން
- މިއަދުނޫސް