އެއީ މައިކެއް ހިފައިގެން މަގުމަތީގައި ހޫރުނު އަންހެނެކެވެ. ބަދަލުވާ ކޮންމެ މީހަކާ ކުރަނީ ދެ ސުވާލެކެވެ. އޭނާ ދީނެއް ޤަބޫލުކުރަންތޯ އާއި އެދީނަކީ ކޮބައިތޯއެވެ؟ ދެން ކުރާ ސުވާލަކީ އޭނާއަށް އެންމެ ކަމުދާ ފޮތަކީ ކޮބައިތޯއެވެ؟
ކޮންމެ މުސްލިމަކުވެސް ބުނަނީ އޭނާއަކީ މުސްލިމެއް ކަމަށާއި އެންމެ ލޯބިކުރާ ފޮތަކީ ޤުރްއާން ކަމަށެވެ. އެކަމަކު އެހެން ދީންތަކުގެ މީހުން އޭނާގެ ދީން ބުނުމަށްފަހު އެންމެ ލޯބިވާކަމަށް ބުނަނީ ކޮންމެވެސް މީހަކު ލިޔެފައިވާ ކޮންމެވެސް ފޮތެކެވެ.
މިކަމުން އަހުރެންނަށް އެނގުނު އެއްކަމަކީ އެމީހުންގެ ދީނުގެ ފޮތްތަކަށް އެމީހުން ލޯބިނުކުރާ ކަމެވެ. އެމީހުންގެ ދީނުގެ ފޮތާއިމެދު އެމީހުން ނުވެސް ވިސްނާ ކަމެވެ. އެއިގެ ބަދަލުގައި މުސްލިމުން އެމީހުންގެ ދީނުގެ ފޮތް، ކީރިތި ޤުރްއާނާއިމެދު ވިސްނާކަމެވެ.
ކަންމިހެން އޮތްއިރު ސުވާލަކީ ކީރިތި ޤުރްއާން ދެކެ އެންމެ ބޮޑަށް ލޯބިވާއިރު ޤުރްއާނުގައި އަހުރެމެންގެ މައްޗަށް އަންގަވާފައިވާ އެންގެވުންތަކަށް ޢަމަލުނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ޤުރްއާން ދެކެ އަހުރެން ލޯބިވީމޭ ދެންނެވުމުން ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެކަން ޤަބޫލުފުޅުކުރައްވަވާނެ ހެއްޔެވެ؟
އެކަން އޮތީ އެގޮތަކަށް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެން އޮތީ ޤުރްއާނަށް ޢަމަލުކުރުމުންނެވެ. ﷲ ތަޢާލާ އަހުރެމެންގެ މައްޗަށް ވާޖިބުކުރައްވަވާފައިވާ ކަންކަން ކުރުމުންނެވެ. ވީމާ އަހުރެމެންނަކީ ޤުރްއާނަށް ޢަމަލުކުރާ ބައަކަށްވެގެން ނޫނީ އެއްވެސް އުފާވެރިކަމެއް ނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން