ދެމަފިރިއެއްގެ މެދުގައި ަމއްސަލައެއް ޖެހިގެން އުޅޭކަން އެނގުމުން އަދި ނުއެނގުނަސް ރީތި އަންހެނުންނަށް ނުބައި ވަސްވާސްތައްދޭ ފިރިހެނުން ގިނަވާނެއެވެ. ވަކިވާން ނުބުނި ނަމަވެސް ވަކިވާން ހިތްވަރުދޭނެއެވެ. އެކަނިވެއްޖެނަމަ ބޭނުންތައް ފުއްދައިޑޭނަކަމަށް ބުނާނެއެވެ. ނިކަމެތި ޙާލެއްގައި އުޅެން ނުޖައްސުވާނެ ކަމަށްވެސް ބުނާނެއެވެ. އެކަންކަމަށް ޔަޤީންކަންވެސް ދޭނެއެވެ.
އަހުރެން މިކުރަނީ ސުވާލެކެވެ. ދެމަފިރިން ވަކިވީއެވެ. ލިބިފައި ތިބި ދަރިން ގޮވައިގެން އެކަނި ދިރިއުޅެން ފެށީއެވެ. އަމިއްލަ އެދުމެއް ނެތި ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ތިބާއަށް އެހީތެރިވެދިނީ އެއިގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟
އަހުރެންގެ ގާތަށް އަންނަ ކްލައިންޓުންނަށް މިސުވާލުކުރުމުން އެފަދަ އެންމެ މީހަކު ހުރިކަމަށް ބުނަނީވެސް އެންމެ 3 އިންސައްތަ އަންހެނުންނެވެ. ވީމާ އެއީ ނެތް ބައެއް ކަމަށް ބުނަން ޖެހިލުމެއް ނުވެއެވެ.
އަހުރެން ވަރަށް ކެރިހުރެގެން ބުނަމެވެ. މީހުންގެ އަނބިން ފަހަތުން ދުވާ ފިރިހެނުން އެއުޅެނީ އެންމެ ބޭނުމަކުއެވެ. އެއީ އިތުރު ތަޖުރިބާއެއް ކޮށްލުމެވެ. އެއީ އެންމެ ނުބައި މަކަރުވެރިންގެ ސިފައެކެވެ. އިތުރު އަންތބަކަށް ބޭނުންވާނަމަ ދުވަންޖެހޭނީ މީހުންގެ އަނބިންގެ ފަހަތަކުންނޫނެވެ. ދެމްފިރިއެއްގެ ދިރިއުޅުން ހަލާކުކުރަމަކުން ނޫނެވެ. އެއީ ރަނގަޅު މީހަކުނަމަ ވަޤުތުން ކައިވެނިކުރެވެން ތިބި އަންހެނުންގެ ޢަދަދު އެތައް ހާހަކަށް އަރާފައިވާއިރު އެއިން އަންހެނެއްގެ ފަހަތުން ނުދުވަންވީ ކީއްވެގެން ހެއްޔެވެ؟
އަހުރެން މިފަދަ ވާހަކަތައް ދައްކާތީ ގިނަ ބައަކު ނަފުރަތުކުރެއެވެ. އަހުރެން އެކަމަކަށް ޖެހިލުމެއް ނުވަމެވެ. އަހުރެން މިފަދަ ވާހަކަތައް ދައްކަނީ ޙާލުގައިޖެހި ނިކަމެތިވާ އަންހެނުންގެ ޝަކުވާތައް އަޑުއަހަންޖެހޭލެއް ގިނަކަމުންނެވެ.
- ޑރ. ޙުސައިން ޒައުދު
- މިއަދުނޫސް