އެއީ ރަނގަޅު ވަޒީފާއެއްގައި ބުރަކޮށް މަސައްކަތްކުރާ އަންހެނެކެވެ. ކައިވެނީގެ ކުރިން ވަނީ ފްލެޓެއްވެސް ގަނެފައެވެ. ކައިވެންޏަށްފަހު ފްލެޓުގައި އުޅެނީ އޭނާގެ އިތުރުން ފިރިމީހާ އާއި ފިރިމީހާގެ މަންމައެވެ.
ކައިވެންޏަށް 3 ވަނަ އަހަރު ފްލެޓަށް އައި މާބަނޑު އަންހެނަކު ބުނީ ބަލިވެއިނީ އޭނާގެ ފިރިމީހާއަށް ކަމަށާއި ބަނޑަށް 6 މަސް ކަމަށެވެ. އަނބިމީހާ ދިއައީ ސިއްސައިގެންނެވެ. ފްލެޓަށް އައިސަބަބު ކަމަށްބުނީ އަނބިމީހާ ގޯސްކަމުން އެކުގައި އުޅެން ބޭނުންނުވާތީ ވަރިކޮށް ފޮނުވާލަން އެންމެކުރިންވެސް ބުނިކަމަށެވެ. މިފްލެޓުގައި އުޅޭނީ އަހަރެމެން ކަމަށްވެސް ބުނިކަމަށެވެ.
"އޭނާގެ ވާހަކަތައް ޤަބޫލުކުރެވިގެންއިންދާ މިހުރިހާ ކަމެއް ވެގެންމިދިއައީ. ޙާލަތު މިހާރު ހުރި ގޮތުން އެކަނި އުޅެވޭކަށް ނެތް. ބޭހަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވެ ކުލިވެސް ނުދެއްކޭ! އޮފީހަށް ނުދެވޭތީ ވަޒިފާ ގެއްލިއްޖެ! ސޭވިންގސްގައި ހުރި ރުފިޔާކޮޅު ހުސްވެއްޖެ! އެވާހަކަ ބުނީމާ ނަންބަރު ބްލޮކްކޮށްލީ! އެހެންވެ އެގޮތަށް ފިލައި ނުހުރެވޭނެކަން އަންގަން މިއައީ!"
މައިދައިތަ ބުނީ ދަރިފުޅު ކުރީ ކުށެއް ކަމަށާއި މިޙާލަތުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ މާބަނޑު އަންހެނަކަށް އެހީތެރިވުން ކަމަށެވެ. އަދި މިއީ ރުޅި އިސްކޮށް ކައިވެނި ރޫޅައިލުމަށް ވިސްނަންވީ ވަޤުތު ނޫން ކަމަށެވެ.
ޅީދަރިފުޅު ބުނީ މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތް އެނގޭނީ އޭނާއަށް ކަމަށެވެ. "އަހަރެންވެސް ބޭނުމެއް ނޫން މާބަނޑު އަންހެނަކަށް ދެރަވާނެ ކަމެއް ކުރާކަށް! މިއީ އަހަރެންގެ ފްލެޓެއް! އޭނާގެ ބަނޑުގައި އެއޮތީ އަހުރެންގެ ދަރިއެއް ނޫނެ. ވީމާ ދަރިފުޅުގެ ބައްޕަ އެކަމުގެ ޒިންމާ ނަގަންވީ! 3 މީހުން އެކުގަ މިގެއިން ނުކުމެގެންދާންވީ! ބަލިވެއިން މީހާއަށް ހެޔޮކޮށް ހިތައިގެން އެކުގަ އުޅެންވީ! ޚަރަދުތައް ލުއިކޮށްދޭން ބޭނުން! އެހެންވެ ޢިއްދައިގެ ޚަރަދު ބޭނުމެއް ނޫން! އެއީ އަހަރެންނަށް ކޮށްދެވޭނެ އެންމެ ބޮޑުވަރު!"
ދެމަފިރިން އެކަނި ވާހަކަ ދައްކާލަން ބޭނުންވާކަމަށް ފިރިމީހާ ބުނުމުން ބުނީ އެކަނި ތިބެ ދައްކާނެ ވާހަކައެއް މިހާރު ނެތްކަމަށެވެ. މިނިންމުމަށް އެއްވެސް ބަދަލެއ ނުގެންނާނެ ކަމަށާއި ހަމަ މިހާރު މިގެއިން 3 މީހުން އެކުގަ ނުނިކުންނަނަމަ ނެރެން ކަންތައްކުރަންވާގޮތްވެސް އެނގޭކަމަށެވެ.
އިތުރު އެއްވެސް ގޮތެއް ނެތުމުން 3 މީހުންނަށް ޖެހުނީ ފްލެޓުން ނުކުމެގެންގޮސް ލޯބިވެރިޔާ ކުއްޔަށް ހިފާފައި ހުންނަ ފްލެޓަށްދާށެވެ. އެތަނަށް ދިއައިރު ކުލިނުދައްކާތީ ތަނުގެ ވެރިފަރާތުން ހުރީ އެތަނުގެ ތަޅު ބަދަލުކޮށްފައެވެ. ދޮރުގައި ތަތްކޮށްފައި އިން ކަރުދާސްކޮޅުގައި ލިޔެފައި އޮތީ 4 މަސްދުވަހުގެ ކުލި ހިފައިގެން އައުމުން ތަޅުދަނޑި ދޭނެ ކަމަށެވެ. މިއަދު ކުލި ނުދެއްކިނަމަ މާދަމާ އެތަން އެހެން މީހަކަށް ކުއްޔަށް ދޭނެކަމަށެވެ."
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑުވެސް އެމާބަނޑު އަންހެނާއަށް ހަމްދަރުދީވަމެވެ. އެކަމަކުވެސް ބުނެލަން އޮތީ މީހަކު އައިސް ހުވަފެނެއް ދައްކާއިރަށް އެއީ ޙަޤީޤަތް ކަމަށް ޤަބޫލުކޮށް އަމިއްލަ ހަށިގަނޑު ޙަވާލުކުރާނަމަ ގިނަ ފަހަރަށް ކުރިމަތިވާނީ މިފަދަ ޙާލތު ކަމަށެވެ. އަމިއްލަ ގްލެޓެއް ހުރިކަމަށް ބުނެފިނަމަ ހުރިތަނަކާ އެކަމުގެ ޙަޤީޤަތް ބަލައިލުންވެސް ބުއްދިވެރިއެވެ. މިހެން މިބުނީ ދިރިއުޅޭނެ ތަނަކަށް ބޭނުންވެ މިފަދަ ދަންތުރަތަކުގައި ޖެހެވޭ އަންހެނުން ގިނަވާތީއެވެ.
- ޖުވައިރިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ