މަންމަގެ ފުރާނަ ސަލާމަތްކުރަން ތިބާގެ ކިޑްނީ ނުދިނީމާ މަންމަ މިއަދު އެރޯ ރުއިން ތިބާއަށް ރޯން ނުޖެހޭނެކަން ޔަޤީންވަނީ ހެއްޔެވެ؟ ޖެހިއްޖެނަމަ ކުރާނެ އަސަރަށްވެސް ވިސްނައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
މަންމަގެ ފުރާނަ ސަލާމަތްކުރަން ތިބާގެ ކިޑްނީ
ނުދިނީމާ މަންމަ މިއަދު އެރޯ ރުއިން ތިބާއަށް ރޯން ނުޖެހޭނެކަން ޔަޤީންވަނީ
ހެއްޔެވެ؟ ޖެހިއްޖެނަމަ ކުރާނެ އަސަރަށްވެސް ވިސްނައިލާށެވެ!


"އަޅުގަނޑަކީ 1 ކިޑްނީ ފޭލްވެ 2 ވަނަ ކިޑްނީއަށް ގެއްލުން ލިބެމުން އަންނަ އަންހެނަކީމެވެ. ޑޮކްޓަރުން ބުނަނީ އަވަހަށް ކިޑްނީ ބަދަލުކުރެވިއްޖެނަމަ ސަލާމަތްވެވުމުގެ ފުރުޞަތު ބޮޑުކަމަށެވެ. ކިޑްނީ ދެވެންތިބި ދަރިން ދެކެނީ އަޅުގަނޑަށް ދުނިޔޭގައި އުޅެވިއްޖެކަމަށާއި މިޢުމުރުގައި ކިޑްނީ ބަދަލުކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ." – މިއަދުނޫހުގެ ކިޔުންތެރިއެއް

އެމަންމައަށް ކުރާނެ އަސަރާއިމެދު ވިސްނަވައިލައްވާށެވެ! މަންމަގެ ޢުމުރަކީ 55 އަހަރެވެ. އެހެން އެބުނާ ދަރިއަކަށް މިފަދަ ޙާލަތެއް ޖެހޭދުވަހު އޭނާގެ ދަރިން މިފަދަ ބަހެއް ބުނެފިނަމަ އަސަރެއް ނުކުރާނެބާވައެވެ!

ގުޅުންހުރި ލިޔުމެއް!:

މިއީ ވަރަށް ދެރަކޮށް މެދުވެރިވާ ކަމެކެވެ. 2 ކިޑްނީ ކިތަންމެ ދުޅަހެޔޮ ނަމަވެސް ދުނިޔޭގައި ހުރެވޭނީ ﷲ ތަޢާލާ އިރާދަކުރައްވަވާ މުއްދަތަކަށެވެ. އަދި 1 ކިޑްނީ ހަދިޔާކުރުމަކީ ތިމާގެ ޞިއްހަތަށް އެއްވެސް ގެއްލުމެއް ލިބޭ ކަމެއް ނޫންކަން އެއީ މިއަދު ޔަޤިންކަން ލިބިފައިވާ ކަމެކެވެ. ވީއިރު މަންމަގެ ފުރާނަ ސަލާމަތްކުރަން ތިމާގެ 1 ކިޑްނީ ހަދިޔާކުރުމަށް ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ސަބަބުން ތިމާގެ ޢުމުރު ދިގުވުމަށް އުންމީދުނުކުރަންވީ ކީއްވެގެން ހެއްޔެވެ؟  

"އަޅުގަނޑުގެ ދެ ކިޑްނީވެސް ވަނީ ފޭލްވެފައެވެ. ދުނިޔޭގައި މިހުރެވެނީ ކޮންމެ ދެދުވަހަކުން އެއްދުވަހަކު ޑައިލިސިސް ހަދައިގެންނެވެ. އެކަމުން އަޅާ ވޭން އެނގޭނީ އެކަންކުރަން ޖެހިފައިވާ މީހަކަށެވެ.  

އަޅުގަނޑުގެ 3 ދަރިން އެބަތިއްބެވެ. 2 ދަރިންގެ ކިޑްނީ ދިމާވެސްވެއެވެ. ނަމަވެސް ކިޑްނީ ހަދިޔާކުރަން ބޭނުމެއް ނުވެއެވެ. ބޭރަށް ގޮސް ގަނެގެން ކިޑްނީ ބަދަލުކުރާނެ ފައިސާއެއް ނެތެވެ. ނަމަވެސް ދަރިން ހަދިޔާކުރަން ތިބިނަމަ އޮތީ އާސަންދަ ލިބޭ ގޮތަށެވެ. އަޅުގަނޑުގެ ހިތަށް ކުރާނެ އަސަރު ނިކަން ހިތަށް އަރުވައިލަބަލާށެވެ!"

މިއީވެސް މިއަދުނޫހުގެ ކިޔުންތެރިއަކު ރޮމުން ޙިއްޞާކުރި ބަސްކޮޅެކެވެ. އެހެންކަމުން މިގެނެސްދެނީ ދުވަސްކޮޅެއްކުރިން ދުނިޔޭގެ މީޑިއާތަކުގައި މަޝްހޫރުވެގެން ދިއަ ޚަރަބަރެކެވެ. ޢިބްރަތް ޙާޞިލުކުރާށެވެ!

މައިމީހާގެ ފުރަމޭ ފޭލްވެ މައިމީހާ މަރުވެގެންދާތަން ދެކެން ހުންނަން ޒުވާން ޢަބްދުލްޢަޒީޒަށް ފަސޭހައެއް ނުވިއެވެ. އޭނާއަކީ އައިޓީ ދާއިރާއިން ކިޔަވަމުން އަންނަ ޒުވާނެކެވެ. ލިވަރ ހަދިޔާކުރުމުން މެދުވެރިވެދާނެ ކަންކަން ވެސް ޢަބްދުލްޢަޒީޒަށް ރަނގަޅަށް އެނގެއެވެ.  

ޢަބްދުލްޢަޒީޒް ވިސްނީ އެންމެ ކަމަކަށެވެ. އެއީ މީހެއްގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެއްޖެ މީހާއަށް މުޅި އުންމަތް ސަލާމަތްކުރަން އެހީތެރިވި ކަމުގެ ދަރަޖަ ލިބިގެންދާނެއިރު 9 މަހާއި 9 ދުވަސް އޭނާ އެބަނޑެއްގައި ހޭދަކުރި މައިމީހާ، އެއިގެ ފަހުން ގާތުން ކިރުދީ ހުރިހާ ތަކުލީފްތަކެއް އުފުލައިގެން ބަލައި ބޮޑުކުރި މައިމީހާ އަދި ބަލިވަންދެންވެސް އެހީތެރިވަމުން އައި މައިމީހާގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެއްޖެ ނަމަ އޭނާއަށް ﷲ ތަޢާލާ ދެއްވަވާނެ މަތިވެރި ދަރަޖައާއިމެދުގައެވެ.  

ފަސްނުޖެހި އޭނާގެ ފުރަމޭ މައިމީހާއަށް ހަދިޔާކުރިއެވެ. އޮޕަރޭޝަނަށްފަހު މައިމީހާގެ ޙާލުވެސް އަދި ޢަބްދުލްޢަޒީޒްގެ ޙާލުވެސް ރަނގަޅެވެ. ޢާއިލާ ނިޞްބަތްވަނީ ޕާކިސްތާނަށެވެ!

ކޮންމެ މީހަކުވެސް ކޮންމެކުއްޖަކުވެސް މަސައްކަތްކުރަންވީ ޢަބްދުލްޢަޒީޒް ފަދަ ދަރިއަކަށްވުމަށެވެ! މައިން ބަފައިން ދެކެ ލޯބިވާ ﷲ ތަޢާލާއަށް ކިޔަމަންތެރި، ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭ މީހަކަށް ވުމަށެވެ! ﷲ ތަޢާލާއަށް އީމާންވެ އަޅުކަންކުރުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށްގޮތުމަށްވުރެ މުހިންމު ކަމެއް ނެތެވެ.

--މިއަދުނޫސް

 

މިއަދު އޮންލައިން