ސިޙުރުހަދައި ފާލުބަލާ މީހަކަށް ޖެހުނު ޙާލު- މިކަންކަން ކުރުވާ މީހުންނަށް ރަނގަޅު ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ސިޙުރުހަދައި ފާލުބަލާ މީހަކަށް ޖެހުނު ޙާލު- މިކަންކަން ކުރުވާ މީހުންނަށް ރަނގަޅު ފިލާވަޅެއް!

އެއީ ސިޙުރުހެދުމަށއި ފާލުބެލުމަށް މަޝްހޫރު މީހެކެވެ. ކަންކަން އޮޅުންފިލުވަން އަވަށުގެ ގިނަ ބައަކު އޭނާގެ ގާތަށް ދެއެވެ. އެމީހުންގެ އަތުން ގިނަ ޢަދަދަކަށް ފައިސާ ލިބޭތީ އުޅެނީ ވަރަށް ތަނަވަސް ދިރިއުޅުމެކެވެ.  

އެއްދުވަހަކު ޒުވާނަކު ގޮސް ބުނީ އޭނާގެ ގޭގައި މައްސަލަތައް ގިނަކަމުން އުޅެވެން ނެތަކަމަށާއި ޙައްލެއް ބޭނުން ކަމަށެވެ. ބުނީ ގެއިން ވެލިޖޯޑެއް ނަގައިގެން ގެނައުމަށެވެ. ވެލިޖޯޑު ގެންދިއުމުން ވަސްބަލައިލާފައި ބުނީ އަނބިމީހާ ޚިޔާނާތްތެރިވަމުން އަންނަ ކަމަށެވެ.  

އެއިރު އެތަނުގައި ތިނަބައަކު ތިބުމުން އެމީހުންގެ މޫނަށް ބަލައިލާފައި ޒުވާނާ ބުންޏެވެ. "މިކަހީނު ހާދަމޮޅެވެ. އެކަމަކު އަހުރެން އަދި ކައިވެނިނުކުރާތީ އަންތބަކު ނެތެވެ. މިވެލި ޖޯޑުނެގީވެސް މިގޭ ގޯތިތެރެއިންނެވެ. ބޭނުންނަމަ ނެގިތަން ބަލައިލަން އެންމެން އަންނާށެވެ! އަހުރެންނަށް ނުވިސްނެނީ މީނާގެ އަނބިމީހާ ބޭވަފާތެރިވާތީ އަހުރެމެންގެ ގޭގައި މައްސަލަތައް ގިނަވާ ގޮތެކެވެ."  

ޒުވާނާއާއިއެކު ގިނަ ބައަކު ގޮސް ވެލިޖޯޑު ނެގިތަން ބެލިއެވެ. އަނެއް ދުވަހު މުޅި އަވަށުގައި އޮތީ އެވާހަކައެވެ. ބޮޑުކަހީނުގެ އަނބިމީހާ ބޭވަފާތެރިވާއިރުވެސް ކަހީނަށް އެކަން ނުއެނގޭ ވާހަކައެވެ. އަނބިމީހާ ހުވާކޮށްފައި ބުނަމުންދިއައީ އޭނާ އެފަދަ ކަމެއް ނުކުރާ ކަމަށެވެ.  

އެންމެފަހުން ބޮޑު ކަހީނަށް ޖެހުނީ ބައު ފޭރާމެއްލައި ފަޤީރަކަށް ހެދިގެން ބަހެއްގައި އަވަށް ދޫކޮށް ފިލާށެވެ!  

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ހަނދުމަކޮށްލައިދޭން ބޭނުންވަނީ މާލޭގައިވެސް މިފަދަ ކަމެއް ހިނގިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ގެނެސްދެވިފައިވާނެ ކަމެވެ. އެއީ ފެންވަޅެއް ނުވެސް ހުންނަ ގެއެއްގެ ފެންވަޅަށް އެއްޗެއް އެޅުމުން އަނބިމީހާއަށް ސިޙުރުޖެހިފައިވާކަމަށް ބުނި ވާހަކައެވެ.

 

- މިއަދުނޫސް 

ބުނެލަން އޮތީ އެއްވާހަކައެކެވެ. މިފަދަ މީސްމީހުންގެ ގާތަށް ނުދާށެވެ. އެމީހުންގެ ގާތަށް ގޮސް އެމީހުން ދައްކާ ވާހަކަ ޤަބޫލުކުރުމުން ފާފަވެރިވުން ނޫންކަމެއް ނުވާނެއެވެ.

މިއަދު އޮންލައިން