ކާމިޔާބު ޒަވާޖީ ޙަޔާތެއްގެ ފުރާނައަކީ އިތުބާރު! އިތުބާރު ގެއްލުމަށްފަހު ޢުމުރަށް އެކުގަ އުޅުނަސް އެއީ ފޫބެއްދޭނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކާމިޔާބު ޒަވާޖީ ޙަޔާތެއްގެ ފުރާނައަކީ އިތުބާރު! އިތުބާރު ގެއްލުމަށްފަހު ޢުމުރަށް އެކުގަ އުޅުނަސް އެއީ ފޫބެއްދޭނެ ކަމެއް ނޫން!

ކޮންމެ ދެމީހަކުވެސް ކައިވެނިކުރާނީ އިތުބާރު ދަމަހައްޓާނެކަމުގެ ވަޢުދުތަކާއިއެކުގައެވެ. ނަމަވެސް ކައިވެނިކުރެވުމަށްފަހު އެކަމަށް ދޭންޖެހޭ ސަމާލުކަން އޮންނަނީ ކުޑަކުރެވިފައެވެ. އަނެކާގެ ހިތުގައި ޝައްކު އުފެދޭނެ ކަންކަން ކުރެވެން ފަށައެވެ.  

ވަރަށް ޢާންމު ކަމެއް ފާހަގަކޮށްލާނަމެވެ. ދެމީހުން އެކުގައި ތިއްބައި އަންނަ ފޯނުކޯލު ނަގަން ބޭނުންނުވާތީ ކަނޑައިލައެވެ. އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ދެމީހުންގެ ވަޤުތަށް އިޙްތިރާމްކުރުމުގެ ގޮތުން ކަނޑައިލާނަމަ ނުވަތަ އެކޯލް ނުނަގާނަމަވެސް ބައިވެރިޔާއަށް ފޯނުން އެނަންބަރު ދައްކައިލާށެވެ. އެއީ ކާކުކަންވެސް ބުނާށެވެ. ނޫންނަމަ ހިތުގައި ޝައްކުތައް އުފެދޭނެއެވެ. ހަމައެއާއިއެކު ފޯނުކޯލެއް އައުމުން ފޯނު ހިފައިގެން ދުރަށް ނުދާށެވެ. އެއީ އޮފީހުގެ ސއްރުތައް ހިމެނޭ ކޯލެއްނަމަ އެއީ އޮފީހުންކަން ބައިވެރިޔާއަށް އަންގައިދީފައި ނޫނީ ދުރަށް ނުދާށެވެ.  

މިދެއްކުނީ ޝައްކުތައް އުފެދޭ ބައެއް ކަންކަމުގެ ވާހަކައެވެ. މިބާވަތުގެ ކަންކަމުގެ ސަބަބުން ޝައްކު އުފެދުމުގެ ފުރުޞަތު އޮންނަނަމަ ވަރަށް ކުދިކުދި ކަންކަންވެސް ބަދަލުވެގެންދާނީ ބޮޑެތި ކަންކަމަށެވެ.  

ދެން މިޖެހިލަނީ އަޞްލު މައުޟޫއަށެވެ. އެއީ އިތުބާރު ގެއްލުވައި ނުލުމެވެ. އިތުބާރު ގެއްލުވައިލެވިއްޖެނަމަ އެއަށްފަހުވެސް ދެމީހުން ވަކިނުވެ ޢުމުރަށް އެކުގައި އުޅުނަސް އެކަމުން ޖެހުނު ލައްގަނޑު ފިލުވައެއް ނުލެވޭނެއެވެ. ލަކުނުމަތީގައިލާ ބޮޑު ކުރަމަގާލިގަނޑެއްގެ ގޮތުގައި ދެމިހުންނާނެއެވެ.  

ކައިވެންޏަށްފަހު އެއްވެސް ކަމެއް ބައިވެރިޔާއަށް ސިއްރުނުކުރާށެވެ! ސިއްރުކުރާ ކަންކަން ބޭޒާރުވުމުން އިތުބާރު ގެއްލޭނެއެވެ. އެއީ ޢުމުރަށްވެސް ފޫބެއްދޭނެ ދެރައެއް ނޫންވީމާ ދެމަފިރިންވެސް މިކަމަށް ސަމާލުކަންޑޭންވާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން / މިއަދުނޫސް

މިއަދު އޮންލައިން