އަމިއްލަ އެދުމެއް ޙާޞިލުކުރަން ބޭނުންވުމުން އަނެކާއަށް ހެޔޮއެދޭކަމަށް ދެއްކުމަކީ މުނާފިޤުންގެ ސިފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
އަމިއްލަ
އެދުމެއް ޙާޞިލުކުރަން ބޭނުންވުމުން އަނެކާއަށް ހެޔޮއެދޭކަމަށް ދެއްކުމަކީ
މުނާފިޤުންގެ ސިފައެއް!

 

މިހާރަކަށް އައިސް ބައެއް މީހުން އެމީހުންގެ އަމިއްލަ އެދުމެއް ޙާޞިލުކުރަންވުމުން އަނެކާއަށް ހެޔޮއެދޭކަމަށް ދައްކައިގެން އުޅެއެވެ. އެފަދަ މީހުންގެ ބޭނުމަކަށްވެފައި އޮންނަނީ އޭނާއަށް ރަނގަޅު ގޮތް ހޯދުމެވެ. އެޙާލަތުގައި އޭނާ އަނެކާއަށް ހެޔޮއެދޭ ކަމަށް ހެދިގެން އުޅެނީ އޭނާ ޙާޞިލުކުރަން ބޭނުންވާ ކަންތައް ޙާޞިލުކުރުމަށެވެ.  

އެއިރުން އެމީހާއަށް އެދެއްކެނީ އޭނާގެ ޙަޤީޤީ ސިފައެއް ނޫނެވެ. މަކަރުވެރިކަމެވެ. މިކަންކަން ޢާންމު ޢާއިލާތަށް ފެތުރިއްޖެއެވެ. ދެމަފިރިންގެ މެދުގައިވެސް އެކަން އެބަ އޮވެއެވެ. މިޘާލަކަށް އަނެކާގެ ކިބައިން ކަމަކަށް ބޭނުންވުމުން އޭނާއަށް ވަރަށް ބޮޑަށް ހެޔޮއެދޭކަން ނުވަތަ ލޯބިވާކަން ދައްކައިގެންވެސް އުޅެއެވެ. މިއީ ވަރަށް ނުރައްކައުތެރިކަމެކެވެ.  

 މާލިކް ބިން ދީނާރުގެ މިބަސްފުޅުގެ ހަނދާންތައް އައުކޮށްލަމާ ހިނގާށެވެ!  

مالك بن دينار رحمه الله ވިދާޅުވިއެވެ. "ހަމައެކަނި ތިމާއަށް ރީތި ނަން ލިބި، މަޝްހޫރުވުމަށް ލޯބިކުރުމަކީ މުނާފިޤުންގެ ޢަލާމާތެކެވެ."  

މާލިކް ބިން ދިނާރު ވިދާޅުވެފައިވާ މި ބަސްފުޅަކީ މިއަދު ހަމަ ވަރަށް ގިނަ ބައަކު ވިސްނައިލުން ވަރަށް މުހިންމު ބަސްފުޅެކެވެ. އެހެނީ ތިމާގެ ދުލުން ކޮންމެ ގޮތަކަށް ބަސް ބުނި ނަމަވެސް މިޒަމާނުގައި ގިނައީ މިބަސްފުޅުގައިވާ ފަދައިން "ހަމައެކަނި ތިމާއަށް ރީތި ނަން ލިބި، މަޝްހޫރުވުމަށް ލޯބިކުރާ" މީހުންނެވެ. ތިމާ ކުރާ އަމަލުގެ ސަބަބުން މަތީ މަޤާމުތަކާއި ތަނަވަސްކަމަށް ދަހިވެތިވެގެން ކަންކަން ކުރާ މީހުންނެވެ!  

"މުޖުތަމައުގެ ފައިދާއަށޭ، މީސްތަކުންގެ މަންފާއަށޭ، ހިލޭ ސާބަހަށޭ، ތިމާގެ ދުލުން ބުނި ނަމަވެސް ހިތުގައިވާ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވޭ. އެއްވެސް ކަމެއް ﷲ ތަޢާލާއަށް އޮޅުވައެއް ނުލެވޭނެ." 

މުނާފިޤަކަށް ވެއްޖެ ނަމަ ޤިޔާމަތް ދުވަހު ކަންކަން މެދުވެރިވެގެންދާނެ ގޮތް ކީރިތި ޤުރްއާނުގެ އާޔަތްތަކުން ވަރަށް ރަނގަޅަށް އެނގެން އެބައޮތެވެ. ތައުބާ ސޫރަތުގެ 68 ވަނަ އާޔަތަށް ނިކަން ބަލައިލަބަލާށެވެ!  

" މުނާފިޤް ފިރިހެނުންނާއި، މުނާފިޤް އަންހެނުންނާއި، ކާފިރުންނަށް ﷲ ވަޢުދު ކުރައްވާފައިވަނީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން ދެމިތިބޭ ޙާލުގައެވެ. އެ ނަރަކަ އެއުރެންނަށް ފުދިގެންވެއެވެ. އަދި ﷲ އެއުރެންނަށް ލަޢްނަތް ލެއްވެވިއެވެ. އަދި ދެމިހުންނަނިވި ޢަޛާބް އެއުރެންނަށް ހުށްޓެވެ." ( ތައުބާ: 68)

އެހެންކަމުން މުނާފިޤަކަށް ނުވުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. މުނާފިޤުންގެ ތެރޭގައި ހިމެނިދާނެ އެއްވެސް ކަމެއް ނުކުރުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމަކެވެ. މުނާފިޤުން ނަރަކައިގައި ތިބޭނީ އެންމެ ގަދަފަދަ ޢަޛާބުގައެވެ. ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުތަކުގައެވެ! 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން