މިކިޔައިދެނީ އަހުރެންގެ އުޚުތަކަށް ދިމާވިގޮތެވެ. ކައިވެނިކުރީ ދެމީހުން ގުޅިގެން އަހަރަކަށްވުރެ ގިނަ ދުވަހު އެކުގައި އުޅެފައެވެ. އެތައް ހާސް ގަޑިއިރެއްވަންދެން ފޯނުންނާއި ބައްދަލުކޮށްގެން ތިބެ ވާހަކަ ދައްކައިފައެވެ.
ކައިވެނިކޮށްގެން ދެމީހުން އެކުގައި ކޮޓަރިއަށް ވަދެ ފުރަތަމަވެސް ފިރިމީހާ ކުރި ސުވާލަކީ އެއްވެސް ފިރިހެނަކާއިއެކު އެއްވެސް ގުޅުމެއް ހިންގާފައިވާނެތޯއެވެ؟ އަނބިމީހާ ސުވާލުކުރިއެވެ.
"ކައިވެނި ތިއަކުރީ އަހުރެންގެ މާޒީއާއިމެދު ތަޙްޤީޤެއް ހިންގައި އަދަބުދޭން ހެއްޔެވެ؟ ނޫނީ އުފާވެރި މުސްތަޤްބަލެއް ބިނާކުރަން ހެއްޔެވެ؟ ތިއަ ސުވާލަކީ ކުރެވިގެންވާނެ ސުވާލެއް ނޫނެވެ. ތިއައީ ތިއަހައި މުހިންމު ކަމެއްނަމަ ކުރިން ސުވާލުނުކުރީ ކީއްވެގެން ހެއްޔެވެ؟ ބުނަން ހެއްޔެވެ؟ މާޒީގައި ކުރެވިފައިވާ ފާފައަކާއި ބެހޭގޮތުން ސުވާލުކުރުންވެސް ހުއްދައެއް ނޫނެވެ. ސުވާލުކުރިޔަސް ޖަވާބުދިނުންވެސް ހުއްދައެއް ނޫނެވެ. އަހުރެންނަށް ކަމެއް ކުރެވިފައިވާ ކަމަށް އެއްބަސްވަނީއެއް ނޫނެވެ. ފާފައެއް ކުރެވިފައިވީނަމަވެސް ތައުބާވުމުން އެއޮތީ އެކަން ނިމިފައެވެ. މިވަރުވެސް ކަލެއަށް ނުއެނގެނީ ހެއްޔެވެ؟"
ފިރިމީހާގެ ނިންމުމަކަށްވީ ނުކުރާ ކައިވެންޏެއްގެ ގޮތުގައި ކައިވެނި ރޫޅައިލުމެވެ. އަނެއްރޭ އެކަން ކުރުމުގެ ރަސްމިއްޔާތުގައި އަނބިމީހާ ބުންޏެވެ. "މިއީ މާތް ﷲ ވަރަށް ރަނގަޅުގޮތުގައި މިންވަރުކުރެއްވެވި ކަމެކެވެ. އެންމެންގެ ކުރިމަތީގައި ﷲ ގަންދީ ހުވާކޮށްފައި މިބުނަނީއެވެ. އަހުރެންނަކީ ޢިއްފަތްތެރިއަކީމެވެ. އަހުރެން އެހެން ނުބުނެ މަޑުމިކުރީ އޭނާގެ ކިބައިގައި ދީންވެރިކަން ހުރިވަރު ބަލައިލުމަށެވެ. އެންމެ ފަހު ވަޤުތު އެސުވާލުކުރިތީ ފޫހިވީއެވެ. އެކުގައި އުޅެން ބޭނުންނުވީއެވެ."
އެހެން ބުނުމުން ފިރިމީހާ ވަރަށް ދެރަވެ އާދޭސްކުރުމުންވެސް އަނބިމީހާ އޭނާގެ ނިންމުން ބަދަލެއް ނުކުރިއެވެ. އެހިސާބުން ދެމީހުން ވަކިވީއެވެ.
މިޙާދިސާއަށް ވިސްނާށެވެ! އުޚުތާ އެދެއްކީ ވަރަށް ރަނގަޅު ވާހަކައެވެ. ކުރިން ފާފައެއް ކުރެވިފައި އޮތްނަމަވެސް އެވާހަކަ ދެއްކުން ހުއްދައެއް ނޫނެވެ. އެއީ ދައްކައިގެންވާނެ ވާހަކައެއް ނޫނެވެ. ވީމާ އެފަދަ ސުވާލުތައް ނުކުރާށެވެ! މުހިންމީ މާޒީއެއް ނޫނެވެ. ތައުބާވެ ރަނގަޅު ގޮތުގައި ދިރިއުޅުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން