ކުރިމަތިކުރައްވަވާ އިމްތިޙާނުތަކުގެ މަޤްޞަދު އެނގޭނަމަ ކަންބޮޑުވާކަށް ނުޖެހޭނެ!: ޝައިޚް ފަހްދު އަލްކަންދަރީ

ކިޔުމަށް ހޭދަވާނީ 7މ 53ސ
ކުރިމަތިކުރައްވަވާ އިމްތިޙާނުތަކުގެ މަޤްޞަދު އެނގޭނަމަ ކަންބޮޑުވާކަށް ނުޖެހޭނެ!: ޝައިޚް ފަހްދު އަލްކަންދަރީ

ޢާއިޝަތު ރަފާޙް ޢަލީ

 

އިޙްތިރާމާއެކު ޝައިޚަށް ދަންނަވަމެވެ، އަޅުގަނޑަކީ އަޅުގަނޑުގެ ދީނަށް ފުރިހަމައަށް ތަބާވާ އަންހެން ކުއްޖަކީމެވެ. الحمد لله. އެހެންނަމަވެސް، ފަހަކަށްއައިސް ޑޮކްޓަރުން އަޅުގަނޑަށް ވަރަށް ނުރައްކާތެރި ބައްޔެއް ހުރިކަމުގެ ޚަބަރު ދިނުމާއެކު، އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވެ ހައިރާންވެފައިވަމެވެ. މިއީ އަޅުގަނޑަށް ދިމާވެފައިވާ ވަރަށް ބޮޑު ދަތި އުނދަގޫ ކަމެކެވެ. 

ޝައިޚުގެ އަރިހުން އެ އަރިހުން އަޅުގަނޑު އޮޅުންފިލުވަން ބޭނުންވަނީ: މި ބަލި ވެގެންވަނީ މާތްﷲ އަޅުގަނޑަށް ދެއްވި އިމްތިޙާނެއްގެ ގޮތުގައިތޯ ނުވަތަ އެއީ އިލާހީ ކޯފާއެއްގެ ގޮތުގައިތޯއެވެ؟ މިކަމާ ގުޅޭގޮތުން އިސްލާމީ ނަޒަރަކުން އަޅުގަނޑަށް އިރުޝާދު ދެއްވުން އެދެމެވެ."                  

ޖަވާބު:

އެންމެ ފުރަތަމަ، މި ސުވާލަށް ޖަވާބު ދިނުމުގެ ކުރިން، ތިބާއަށް އެނގެން ޖެހޭ މުހިންމު ކަމެއް ވެއެވެ. އެއީ އީމާންކަމުގެ 6 ރުކުނުގެ ތެރެއިން އެއް ރުކުނަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޤަޟާއާއި ޤަދަރަށް އީމާންވުން ކަމެވެ. މިއީ އިސްލާމްދީނުގެ އަސާސީ އުސޫލެކެވެ. މި އުސޫލުގެ މާނައަކީ، މި ދުނިޔޭގައި އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ކަމަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެންމެހައި އެނގިވޮޑިގެންވުމާއި (ޢިލްމުފުޅު) އަދި އިރާދަފުޅާ (ތަޤްދީރުފުޅު) އެއްގޮތަށް ހިނގާ ކަމެއް ކަމުގައި ޤަބޫލުކުރުމެވެ. މިއީ މުސްލިމުންގެ އަޤީދާގެ މުހިންމު ބައެކެވެ. 

ﷲ ތަޢާލާ ޤަމަރް ސޫރަތުގެ 49 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ ‎﴿٤٩﴾‏

މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެއެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ. (49)" 

އީމާންކަމުގެ މައިގަނޑު ހަ ބައެއްވެއެވެ. އެއީ:

މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވުން

އެކަލާނގެ މަލާއިކަތުންނަށް އީމާންވުން

އެކަލާނގެ ބާވައިލެއްވި ފޮތްތަކަށް އީމާންވުން

އެކަލާނގެ ފޮނުއްވި ރަސޫލުންނަށް އީމާންވުން

އާޚިރަތް ދުވަހަށް އީމާންވުން

ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން 

މި ހަ ސިފައިގެ ތެރެއިން އެއްވެސް ސިފައަކަށް އީމާން ނުވެއްޖެނަމަ، އެ މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެއެވެ. ވަކިން ޚާއްޞަކޮށް، މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ޤަޟާއާއި ޤަދަރަށް އީމާންވުމަކީ އީމާންކަން ފުރިހަމަވުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މި ސިފަތަކަށް އީމާންވުމަކީ އިސްލާމްދީނުގެ އަސާސީ ރުކުނެކެވެ. 

ﷲ ތަޢާލާ ޙަދީދް ސޫރަތުގެ 22 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ ‎﴿٢٢﴾‏

މާނައީ: "އެއްވެސް مصيبة އެއް، ތިމަންރަސްކަލާނގެ އެ مصيبة އެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: اللوح المحفوظ ގައި) ލިޔުއްވާފައިވާ حال ގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ اللَّه އަށް ދާދިފަސޭހަ ކަމެކެވެ. (22)" 

އެހެންކަމުން، މި އީމާންކަމުގެ މުހިންމުކަން ފާހަގަކުރެވެނީ، މި ދުނިޔޭގައި އަޅުގަނޑުމެން ކުރިމަތިލާންޖެހޭ އިމްތިޙާނުތަކަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙިކުމަތްފުޅުން ދެއްވާ ޓެސްޓުތަކެއްކަން ދެނެގަތުމުންނެވެ. މި އިމްތިޙާނުތަކުގެ މަޤްޞަދަކީ އަޅުގަނޑުމެންގެ އީމާންކަމާއި ކެތްތެރިކަން ވަޒަންކުރެއްވުންކަން ޤަބޫލުކުރުމުންނެވެ. 

އަންބިޔާ ސޫރަތުގެ 35 ވަނަ އާޔަތުގައި ﷲ ތައާލާ ވަޙީ ކުރައްވާފައިވެއެވެ.

كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ ‎﴿٣٥﴾‏

މާނައީ: "ކޮންމެ نفس އަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ. (35)"  

"ޤުރްއާނުގެ އަލީގައި އަޅުގަނޑަށް ދޭހަވެފައިވަނީ، ހަމަކަށަވަރުން މާތްﷲ ސުބުޙާނަހޫ ވަތަޢާލާ މުއުމިނުން ތަފާތު ގޮތްގޮތުން އިމްތިޙާނު ކުރައްވާކަމެވެ. މިގޮތުން ފަސޭހަކަމާއި ދަތިކަމުގައްޔާއި، ހެޔޮކަމާއި ނުބައިކަމުން އިމްތިޙާނު ކުރެއްވުން ހިމެނެއެވެ. 

މި އިމްތިޙާނުތަކަކީ ކޮންމެހެން ނޭދެވޭ ކަންކަމެއް ނޫނެވެ. އެއީ ގިނަފަހަރު އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަކޮށް، ﷲގެ ޙަޟްރަތަށް އިތުރަށް ގާތްކޮށްދޭ ކަންކަމެވެ. މިސާލަކަށް، ދަރިއަކު ދެއްވުމަށްފަހު އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ނުވަތަ މުދަލެއް ދެއްވުމަށްފަހު އެކަމުގެ ސަބަބުން އުފެދޭ ފިތުނަތައްވެސް މީގެ ތެރޭގައި ހިމެނިދާނެއެވެ. މިފަދަ ކަންކަމުން އަޅުގަނޑުމެންގެ ކެތްތެރިކަމާއި، ޝުކުރުވެރިކަން އިތުރުވެ، އަޅުކަމުގައި ދެމިތިބުމުގެ މުހިންމުކަން ހަނދާންކޮށްދެއެވެ. 

މާތްﷲ ސުބުޙާނަހޫ ވަތަޢާލާ މުއުމިނުންނަށް އިމްތިޙާނު ކުރައްވަނީ އެބައިމީހުންގެ ދަރަޖަތައް މަތިވެރި ކުރެއްވުމަށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ:  

مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حَزَن وَلاَ أَذًى وَلاَ غمٍّ، حتَّى الشَّوْكَةُ يُشَاكُها إِلاَّ كفَّر اللَّه بهَا مِنْ خطَايَاه 

މާނައީ: 'މުސްލިމަކަށް ކުރިމަތިވާ ކޮންމެ ކަމަކާއި، ހިތާމައަކާއި، ވަރުބަލިކަމަކާއި، ބައްޔަކާއި، ހިތްދަތިކަމަކާއި، އުނދަގުލަކާއި، އަދި ހަށިގަނޑަށް ހެރޭ ކަށްޓަކުން ވިޔަސް، މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެކަމުގެ ސަބަބުން އޭނާގެ ފާފަތައް ފުއްސަވައިދެއްވައެވެ.' 

އަދި މި އިމްތިޙާނަކީ އަޅުގަނޑުމެންގެ ފާފަތަކާއި އުރެދުންތަކުގެ ސަބަބުން ދުނިޔޭގައި ލިބޭ އަދަބެއްކަމުގައިވެސް ވެދާނެއެވެ. ޝޫރާ ސޫރަތުގެ 30 ވަނަ އާޔަތުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ: 

وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ ‎﴿٣٠﴾‏

މާނައީ: "ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ. (30)"

އެހެންކަމުން، މުހިންމީ މި އިމްތިޙާނުތަކާ ކުރިމަތިލާނެ ގޮތް ދެނެގަތުމެވެ. އަޅުގަނޑުމެންނަށް ބައްޔެއް ޖެހިއްޖެނަމަ، ކެތްތެރިވެ، އަޖުރު އެދި، އިސްތިޣުފާރުކޮށް، މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތައުބާވާންވާނެއެވެ. 

އަޅުގަނޑުމެން މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެދެނީ އެންމެހައި މުސްލިމު ބަލިމީހުންނަށް ޝިފާ ދެއްވުމަށެވެ. 

އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ބަލިމީހުންނާއި މުސްލިމުންގެ ބަލިމީހުންނަށް ޝިފާ ދެއްވާނދޭވެ! އާމީން

 

- ޝައިޚް ފަހްދު އަލްކަންދަރީގެ ދަރުސަކުން 

- މިއަދުނޫސް

މިއަދު އޮންލައިން